ގޮންޖެހުންތައް ހުރިނަމަވެސް، ފާއިތުވި އެއް އަހަރު ދުވަސް ތެރޭގައި ސިއްހީ ދާއިރާއިން ގިނަ ކާމިޔާބީތަކެއް ހޯދިފައިވާ ކަމަށް ހެލްތު މިނިސްޓަރު ނާޒިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރަށް އެއް އަހަރު ފުރުމާ ގުޅިގެން، ދައުލަތުގެ މީޑިއާއަށް ދެއްވި ބަސްދީގަތުމެއްގައި ނާޒިމް ވިދާޅުވީ، ރައީސް މުއިއްޒުގެ ސަރުކާރުގެ އަމާޒުހުރީ ސިއްހީ ނިޒާމަކީ ވަށާޖެހޭ ނިޒާމެއްގެ ތެރެއިން އެންމެ ބޮޑެތި އާބާދީތަކުން ފެށިގެން އެންމެ ކުދި އާބާދީތަކުގައިވެސް ދިރިއުޅޭ ރައްޔިތުންނަށް އެކަށީގެންވާ ފެންވަރު ރަނގަޅު ހިދުމަތެއް ފޯރުކޮށްދިނުމަށް ކަމަށެވެ.
އެގޮތުން ރީޖަނަލް ހޮސްޕިޓަލްތަކުގެ ހިދުމަތްތައް ފުޅާކުރުމަށް ކުރެވޭ މަސައްކަތްތަކާއި، އެއަރ އެމްބިއުލާންސްގެ ހިދުމަތް ތައާރަފުކުރުމާއި، ކޮލެޓީ ބޭސް ރާއްޖެއަށް ގެނައުން ފަދަ ކާމިޔާބީތަކަށް މިނިސްޓަރު އަލިއަޅުވައިލެއްވިއެވެ.
މިނިސްޓަރު ވިދާޅުވީ ވަރަށް ކުދިކުދި އާބާދީތަކުގައި ބޮޑެތި ހޮސްޕިޓަލްތައް ގާއިމު ނުކުރެވޭނެކަން އެންމެން ވެސް ދަންނާނެ ކަމަށާއި، އެހެންނަމަވެސް ކަށަވަރުކުރަން ބޭނުންވަނީ ވަށާޖެހޭ ނިޒާމެއްގެ ތެރެއިން އެންމެންނަށް ސިއްހީ ފަރުވާ ލިބޭނެކަން ކަމުގައެވެ.
މި ސަރުކާރުގެ ސިޔާސަތު ބައްޓަން ކޮށްފައި ވަނީ އެގޮތަށް ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

