އިސްލާމީ މަރުކަޒުގެ މުންނާރު ކައިރީގައި ހަދާފައިވާ މަސްފެންގަނޑު ސްޓެލްކޯއިން މަރާމާތުކުރުމަށްފަހު އެ މިނިސްޓްރީއާ މިއަދު ހަވާލުކޮށްފިއެވެ.

އިސްލާމީ މަރުކަޒުގައި މަސްފެންގަނޑު ހެދުމުގެ އަމަލީ މަސައްކަތް ސްޓެލްކޯއިން ފެށީ މިދިޔަ މަހުގެ 28 ގައެވެ.

އެ މަސައްކަތުގެ ނިމުން ފާހަގަކުރުމަށް މިއަދު ހެނދުނު އިސްލާމީ މަރުކަޒުގެ ގޯތިތެރޭ ބޭއްވި ހަފުލާގައި މަސައްކަތް ނިމުނުކަމުގެ ލިޔުން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާ ހަވާލުކޮށްދެއްވީ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީއެވެ.

އެ ހަފުލާގައި މިނިސްޓަރު ޝަހީމް ވިދާޅުވީ، ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ފަހުމީގެ އިސްނެންގުވުމަށް ސްޓެލްކޯގެ އިޖުތިމާއީ ޒިންމާގެ ދަށުން ކުރިއަށްވުރެ މާ ރީތިކޮށް އެތަން ހަދާފައިވާ ކަމަށެވެ.

އަދި އެ ސަރަހައްދަކީ ގިނަ އަދަދެއްގެ ކުޑަކުދިންނާއި މީހުން ޖަމާވާ ސަރަހައްދެއް ކަމުން އެތަނުގެ ރީތިކަން ދެކި، އެ ހިތްހަމަޖެހުން އެ ފަރާތްތަކުން ލިބިގަންނާނެ ކަމަށް ޝަހީމް ވިދާޅުވިއެވެ.