މާލޭގައި ހުންނަ ފުރްޤާން މިސްކިތަށް ވަދެ، އެ މިސްކިތުގައި ހުރި ތަކެއްޗަށް ގެއްލުން ދިން މައްސަލައެއް ފެންމަތިވެއްޖެއެވެ.

މި މަންޒަރުތައް ފެންނަ ފޮޓޯއާއި ވީޑިއޯ ހިއްސާ ކުރައްވައި، ޝެއިހު އާދަމް ނިޝާން ވިދާޅުވީ މިއަދުގެ ފަތިސް ނަމާދު ކުރިން ފުރްޤާން މިސްކިތުގެ ފަހަތުގައި ހުރި މުސްޙަފްތައް މުޅިތަނަށް އުކާލައި، އިމާމް ހުންނަ ދިމާލުގެ ކަރަންޓް ބޯޑުތަކާއި އެޔަށް ޖަހާފައިހުރި އެޑެޕްޓަރުތައް ތަޅައި ހިމުންކޮށްލައި، މިސްކިތުގެ ވުޟޫ ކުރާ ބައިގެ ބައެއް އިސްކުރުތައް ބިންދާލައި މިސްކިތުގެ ބައެއް އެއްޗެހި އެތަނަށް އުކާލައިފައިވާ ކަމަށެވެ.

މިކަން ކޮށްފައިވަނީ އެ މިސްކިތުގައި އަބަދުހެން، ނަމާދު ގަޑިތަކުގައިވެސް ނިދާފައި އޮންނަ ޒުވާނެއް ކަމަށާއި މީގެ ކުރިން ވެސް އެތައް ފަހަރަކުވެސް އޭނާ ވަނީ މުސްހަފްތައް އުކާލުމާއި މިފަދަ އެތައް ކަމެއް އެ މިސްކިތުގައި ކޮށްފައި ކަމަށް ވެސް ޝެއިހު ވިދާޅުވިއެވެ.

”މިވަރު ކުރަމުންދާއިރު މިސްކިތްތަކުގައި ކެމެރާ ހަރުކޮށްގެން 24 ގަޑި އިރު މާލެ ސިޓީ ކައުންސިލްއިން ބަލަން ތިބޭ ތިބުމުގެ އެއްވެސް ފައިދާއެއް އެބައޮތްތޯއެވެ؟“ އާދަމް ނިޝާން ސުވާލު އުފެއްދެވިއެވެ.

ޝެއިހު ވިދާޅުވީ މި މައްސަލަ ޕޮލިހަށް ރިޕޯޓުކުރުމުން ފަތިސް ނަމާދު ފަހުން ވަޑައިގެން މައުލޫމާތު އޮޅުން ފިލުވައި، ފޮރެންސިކް ޑިޕާޓްމެންޓްގެ ބޭފުޅުން ވަޑައިގެން ފޮޓޯ ނެންގެވި ކަމަށެވެ.

ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، ފުރުޤާން މިސްކިތަށް ގެއްލުން ދިން މައްސަލަ ފުލުހުންނަށް ރިޕޯޓު ކުރި ކަމަށާއި، މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.