މި ސަރުކާރުން އެއްވެސް ބޭފުޅެއް އިސްތިސްނާ ކުރުމެއް ނެތި، އެމީހެއްގެ ހަށިގަނޑާއި ފުރާނަ ރައްކާތެރި ކުރެވޭނެ ހުރިހާ ފިޔަވަޅެއް އަޅާނެ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ސިޔާސީ އެކްވިސްޓަކު އެކްސްގައި ކުރި ޕޯސްޓަކާއި ގުޅިގެން ފުލުހަށް ހާޒިރުކޮށްފައިވާއިރު، އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް އެކަމާ ކަންބޮޑުވެވަޑައިގެން އެކްސްގައި ޕޯސްޓެއް ކުރެއްވިއެވެ.
އެ ޕޯސްޓާ ގުޅިގެން އިހުސާން ވިދާޅުވީ އޭނާ ކުރި ޕޯސްޓުގައި ލިޔެފައި ވަނީ ”މަށަށް ކަލޭ މަގެއްމަތިން ނުފެއްނާތި!“ މިހެން ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ މި ޖުމްލައިން ކޮންމެވެސް މީހަކަށް ނިސްބަތްކޮށް އެމީހަކު މަގެއް މަތިން ފެނިއްޖެނަމަ އެމީހަކަށް ޖިސްމާނީގޮތުން ގެއްލުމެއް ދީފާނެކަމަށް ދޭހަވާގޮތަށް އެބައޮތް ކަމަށެވެ.
އެހެންވެ، މިކަމުގެ ތަފްސީލު ހޯދާ މިކަން ސާފުކުރުމަކީ ކަމާބެހޭ އިދާރާތަކުން ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް ވެސް ވިދާޅުވިއެވެ.
އިހުސާން ވަނީ މާދަމާ މީހަކު މިފަދަ އިބާރާތެއް ފައްޔާޒަށް ނިސްބަތްކޮށް ނުވަތަ ދޭހަވާގޮތަށް ބުނެފިނަމަ އެއީ ޙިޔާލުފާޅުކުރީކަމަށް ބަލާ އަޅާނުލާ ތިބެންވީތޯ ވެސް ސުވާލު ކުރައްވާފައެވެ.
އެހެން ތިއްބާ ފައްޔާޒު މަގެއްމަތިން ފެނި ޖިސްމާނީ އަނިޔާއެއް ދީފިނަމަ އެއީ ފާޅުކުރި ހިޔާލު އިތުރަށް ސާފުކޮށްދިނީކަމަށް ބަލާ އަޅާނުލާ ތިބެންވީތޯވެސް މިނިސްޓަރު ސުވާލު ކުރެއްވިއެވެ.
އަދި ފައްޔާޒުގެ ޒައާމަތެއްގައި މިގައުމުގައި ކަންކަން އޮންނާނެގޮތަކީ މިއީތޯވެސް މިނިސްޓަރު ވަނީ ސުވާލު ކުރައްވާފައެވެ.
”ޔަގީނުންވެސް މިސަރުކާރުގައި އެއްވެސް ބޭފުޅެއް އިސްތިސްނާ ނުކޮށް އެމީހެއްގެ ހަށިގަނޑާއި ފުރާނަ ރައްކާތެރިކުރެވޭނެ ހުރިހާ ފިޔަވަޅެއް އަޅާނެ. ހަމައެއާއެކު ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކުގެ އިމުގެތެރޭގައި ހިޔާލުފާޅުކުރެވޭނެ އެންމެ ފުޅާމިނަށް އެކަން ކުރެވޭނެ މަގު އޮންނާނީ އަބަދުވެސް ހުޅުވިފައި،“. މިނިސްޓަރު އިހުސާން ވިދާޅުވެފައިވެއެވެ.
މީގެ އިތުރުން މިނިސްޓަރު ވަނީ ކޮންމެ ކަމަކީ ސިޔާސީ ކުޅިވަރަކަށް ހެދުމަކީ ވަރަށް ޣައިރު ޒިންމާދާރު ކަމެއްކަންވެސް ފާހަގަކުރައްވާފައެވެ.