ސިއްހީ ހާލުކޮޅު ހުރި ގޮތުން މަގާމުގެ ޒިންމާ އަދާކުރެއްވުމަށް އުޒުރުވެރިވެ، އެގްރިކަލްޗާ މިނިސްޓަރު ޑރ. އައިޝަތު ރަމީލާ މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެން އެ މިނިސްޓްރީ ހިންގުން ވަގުތީ ގޮތުން ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. މަރިޔަމް މާރިޔާއާ ހަވާލުކުރައްވައިފިއެވެ.
ރައީސް އޮފީހުން ވިދާޅުވީ އެގްރިކަލްޗާ މިނިސްޓަރުގެ މަގާމުން ރަމްލާ އިސްތިއުފާ ދެއްވުމާއެކު އެ މަގާމަށް އިތުރު ފަރާތެއް އައްޔަނު ކުރެވެންދެން އެގްރިކަލްޗާ މިނިސްޓްރީގެ ހިންގުން ވަގުތީ ގޮތުން ހަޔާ އެޑިއުކޭޝަން މިނިސްޓަރު މާރިޔާއާ ރައީސް ޑރ. މުހައްމަދު މުއިއްޒު ހަވާލު ކުރައްވާފައި ވާކަމަށެވެ.
އެގްރިކަލްޗަރ މިނިސްޓަރުގެ މަގާމަށް ރަމީލާ އައްޔަނު ކުރެއްވީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހުއެވެ.
ރަމީލާ ގެންދަވަނީ ކެންސަރުގެ އާލާސްކަންފުޅަށް ފަރުވާ ހޯއްދަވަމުންނެވެ. އެކަމަނާ އެކަން ހާމަކުރެއްވީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 29 ވަނަ ދުވަހު މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.
އާލާސްކަންފުޅާ ގުޅިގެން ރަމީލާގެ އިސްތިއުފާ ގަބޫލު ކުރައްވައި ރައީސް މުއިއްޒު ވަނީ އެކަމަނާ އާލާސްކަންފުޅުގައި އުޅުއްވަމުންވެސް، މަގާމުގެ ހައިސިއްޔަތުން، ރާއްޖޭގެ ގާނޫނީ ވެރިކަން ކުރިއަރުވައި، އެންމެހައި ރައްޔިތުންނަށް ލާބައާއި ފާގަތިކަން ހޯދައިދެނިވިމަގުން މި ދައުލަތުގެ ކަންތައްތައް ރަނގަޅަށް ހިންގުމުގައި އެހީތެރިވުމަށް ދެއްވި އެއްބާރުލެއްވުމަށާއި، ތެދުވެރިކަމާއި ވިސްނުންތެރިކަމާއެކު، ސަރުކާރަށް ކޮށްދެއްވި އަގުހުރި ހިދުމަތްތަކަށްޓަކައި އިހްލާސްތެރިކަމާއެކު ޝުކުރު އަދާކުރައްވާފައެވެ.
އަދި ރަމީލާ ފަދަ ހީވާގި އަމާނާތްތެރި ގާބިލު ބޭފުޅަކު ވަޒީރުންގެ މަޖިލީހުގައި ހިމެނުމަކީ ލިބިވަޑައިގެންނެވި ވަރަށް ބޮޑު އުފަލެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

