އަރބަން ޑިވެލޮޕްމަންޓްގެ ބިލު ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ރޭ ތަސްދީގު ކުރައްވައިފިއެވެ.

މި ބިލަކީ 2024 ނޮވެންބަރު މަހުގެ 27 ވީ ބުދަ ދުވަހު ބޭއްވި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 55 ވަނަ ޖަލްސާގައި ފާސްކުރެއްވި ބިލެކެވެ.

މި ބިލުގެ މައިގަނޑު ބޭނުމަކީ ދިވެހިރާއްޖޭގައި އާބަން ސަރަޙައްދުތައް ކަނޑައެޅުމާއި، އެފަދަ ސަރަހައްދުތައް ތަރައްގީ ކުރުމާގުޅޭ ކަންކަން ހަރުދަނާ ގާނޫނީ އޮނިގަނޑެއްގެ ދަށުން އިންތިޒާމުކުރުމަށްޓަކައި، އަރބަން ސަރަޙައްދުތަކާއި އެފަދަ ސަރަޙައްދުތަކުގެ ޒޯންތަކާއި ގިންތިތަކާއި ބިމުގެ ބޭނުން ކަނޑައެޅުމާއި، އެފަދަ ސަރަހައްދުތައް ތަރައްޤީކޮށް ހިންގުމުގެ އަސާސީ މިންގަނޑުތަކާއި، އަރބަން ސަރަޙައްދުތަކުގައި ހިންގާ ތަރައްގީގެ މަޝްރޫއުތައް މޮނިޓަރކޮށް ފިޔަވަޅު އެޅުމާބެހޭ އުސޫލުތައް ބަޔާންކުރުމެވެ.

އަރބަން ޑިވެލޮޕްމަންޓްގެ ގާނޫނުގެ ދަށުން ދިވެހިރާއްޖޭގައި އަރބަން ސަރަޙައްދުތައް ކަނޑައެޅުމާއި، އަރބަން ސަރަހައްދުތައް ތަރައްގީކޮށް ހިންގުމާގުޅޭ ގައުމީ ސިޔާސަތު ކަނޑައަޅާނީ ވަޒީރުންގެ މަޖިލީހުގެ ލަފާގެމަތިން ރައީސުލްޖުމްހޫރިއްޔާއެވެ.

މި ސިޔާސަތުތައް ތަންފީޒުކުރުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވަނީ އުމްރާނީ ތަރައްގީގެ ސިޔާސަތުތައް ތަންފީޒުކުރުމުގެ މަސްއޫލިއްޔަތު އެއިރެއްގައި ހަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާއަށެވެ.

އެއީ، މިހާރުގެ ގޮތުންނަމަ މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓެވެ.

މި ގާނޫނަށް ޢަމަލުކުރަން ފެށުމާއެކު، މި ގާނޫނުގެ ދަށުން ކަނޑައަޅާ އަރބަން ސަރަޙައްދުތަކުގެ އަރބަން އޭރިޔާ ޑިވެލޮޕްމަންޓް މާސްޓަރ ޕްލޭން ތައްޔާރުކޮށް، އެފަދަ ސަރަޙައްދުތައް ތަރައްގީ ކުރާ ފަރާތްތަކަށް ތަރައްގީ ކުރުމުގެ ހުއްދަތައް ދިނުމާއި، އެފަރާތްތަކުން އެ ސަރަހައްދުތަކުގައި ކުރިއަށްގެންދާ ތަރައްގީގެ މަސައްކަތްތައް ވިލަރެސްކުރުމަށްޓަކައި، ”އަރބަން ޑިވެލޮޕްމަންޓް އޮތޯރިޓީ“ ގެ ނަމުގައި ސަރުކާރުގެ އިދާރާއެއް އުފެދޭނެކަމުގައި ގާނޫނުގައި ބަޔާންކޮށްފައިވެއެވެ.

މި އޮތޯރިޓީ ހިނގަމުންދާނީ ޢުމްރާނީ ތަރައްގީގެ ސިޔާސަތުތައް ތަންފީޒު ކުރުމުގެ މަސްއޫލިއްޔަތު އެއިރެއްގައި ހަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާގެ ދަށުންނެވެ.

ރައީސުލްޖުމްހޫރިއްޔާ އަރބަން ޑިވެލޮޕްމަންޓްގެ ބިލު މިއަދު ތަސްދީގު ކުރެއްވުމާއި ގުޅިގެން މި ގާނޫނު މިހާރު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއު ކުރައްވައިފައެވެ. މި ގާނޫނަށް އަމަލުކުރަން ފަށާނީ މި ގާނޫނު ތަސްދީގުކޮށް، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއު ކުރާ ތާރީހުން ފެށިގެން ހަ މަސްދުވަސް ފުރިހަމަވާ ތާރީހުން ފެށިގެންނެވެ.