މިނިސްޓަރު މި ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވީ އޭޝިއާ އަދި ޕެސިފިކް ދާއިރާ ތަމްސީލުކުރައްވާ ބޯޑް މެންބަރުގެ ހައިސިއްޔަތުންނެވެ.
ޑިސެމްބަރ މަހުގެ 3 އިން 5 އަށް ދުބާއީގައި ކުރިއަށްދިޔަ މި ބައްދަލުވުމުގައި މިނިސްޓަރގެ އަރިހުގައި ސްޓޭޓް މިނިސްޓަރ އަދި ޓެކްނިކަލް އެޑްވައިޒަރ ޑރ. އަޙުމަދު މުޙައްމަދު ބައިވެރިވެ ވަޑައިގެންނެވިއެވެ.
މި ބައްދަލުވުމުގައި ޖީޕީއީގެ ހިންގުމާއި ގުޅުންހުރި ގިނަ ނިންމުންތަކާއި، ކުރިއަށްގެންދިއުމަށް ރާވާ ހަރަކާތްތަކުގެ އިތުރުން، ކުރިއަށް އޮތް 3 އަހަރަށް ލަފާކުރާ ބަޖެޓު ކަނޑައެޅުމަށް ކުރިއަށްގެންދިޔަ މަޝްވަރާތަކުގައި މިނިސްޓަރ ޑރ. އިސްމާޢީލް ޝަފީޢު ބައިވެރިވެ ވަޑައިގެންނެވިއެވެ.
ގްލޯބަލް ޕާޓްނަރޝިޕް ފޯރ އެޑިޔުކޭޝަން (ޖީ.ޕީ.އީ) އަކީ ތަރައްޤީވަމުން އަންނަ ޤައުމުތަކުގެ ތަޢުލީމީ ނިޒާމު ކުރިއެރުވުމަށް ހިލޭ އެހީ ދޭ ބައިނަލްއަގްވާމީ އެންމެ ބޮޑު އެއް ފަންޑެވެ.
ޖީޕީއީގެ މެންބަރު ގައުމަކަށް ދިވެހިރާއްޖެ ވީ 2019 ވަނަ އަހަރުގެ ތެރޭގައެވެ.
އޭގެ ފަހުން ޖީޕީއީ އިން ވަނީ ރާއްޖޭގެ ތަޢުލީމީ ނިޒާމު ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކޮށްދެއްވާފައެވެ.
އެގޮތުން ޖީޕީއީގެ 9.5 މިލިއަން އެމެރިކާ ޑޮލަރުގެ އެހީއާއެކު ތައުލީމީ ނިޒާމަށް އިންގިލާބީ ހެޔޮ ބަދަލެއް ގެނައުމަށްޓަކައި ”ތައިބަ‘ ގެ ނަމުގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގައި ހާއްސަ ޕްރޮޖެކްޓެއް ގާއިމުކުރެވި، އޭގެ މަސައްކަތް ކުރިއަށްދެއެވެ.

