އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ މެންބަރުކަމުގެ ދެ މަޤާމު ހުސްވެފައިވާތީ، އެ ކޮމިޝަނަށް ދެ މެންބަރުން އައްޔަންކުރެއްވުމަށްޓަކައި މެންބަރުކަމުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުސަތު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ހުޅުވާލައްވައިފިއެވެ.
އޭސީސީގެ މެންބަރުކަމަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައްވާފައިވަނީ މިއަދުން ފެށިގެން 16 ޑިސެންބަރު 2024 ވާ ހޯމަ ދުވަހުގެ 12:00 ގެ ނިޔަލަށެވެ.
އެންޓި-ކޮރަޕްޝަން ކޮމިޝަންގެ މެންބަރުކަމަށް ކުރިމަތިލުމަށް އެދި ހުށަހަޅާ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، މިކަމަށް ކުރިމަތިލުމަށް ދީފައިވާ މުއްދަތުގައި، ރަސްމީ ބަންދު ދުވަސްތައް ފިޔަވައި، އެހެން ދުވަސްދުވަހުގެ ހެނދުނު 08:30 އިން 12:00 އަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންނެވެ.
އެންޓި-ކޮރަޕްޝަން ކޮމިޝަންގެ މެންބަރުކަމުގެ މަޤާމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ރިސެޕްޝަނުން ލިބެންހުންނާނެއެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓް https://presidency.gov.mv އިން ފޯމު ޑައުންލޯޑް ކުރެއްވޭނެއެވެ.

