އޮންލައިންކޮށް ވިޔަފާރި ކުރާއިރު، ބައެއް ވިޔަފާރި ޕޭޖުތަކުން ސްކޭމްތައް ހިންގާތީ، އެކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ފުލުހުން އަނެއްކާވެސް އެދިއްޖެއެވެ.

ފުލުހުން ބުނީ އޮންލައިންކޮށް މުދާ ގަތުމަށް ފައިސާ ދެއްކުމުން މުދާ ޑެލިވަރީ ނުކޮށްދޭ މައްސަލަތައް މިހާރަކަށް އައިސް އިތުރުވަމުންދާ ކަމަށެވެ.

ހާއްސަކޮށް ފޭސްބުކްގައި ހިންގާ ”ހޯމް އާޓް ފަރުނީޗާ“ ޕޭޖާ ގުޅޭ ފްރޯޑް މައްސަލަތައް ގިނަ އަދަދަކަށް ހުށަހެޅެމުންދާކަމަށް ފުލުހުން ބުނެފައި ވެއެވެ.

އެހެންކަމުން، އޮންލައިންކޮށް މުދާ ގަންނައިރު މުދާ އަތަށް ލިބުމުން ނޫނީ ފައިސާ ނުދެއްކެވުމަށާއި ”ހޯމް އާޓް ފަރުނީޗާ“ ޕޭޖުން މުދާ ގަތުމުގައި ވަރަށް ބޮޑަށް ސަމާލުވުމަށާއި އޮންލައިންކޮށް ވިޔަފާރިކުރާނަމަ އެ ވިޔަފާރިއެއްގެ ސައްހަކަން ކަށަވަރުކުރުމަށް ފުލުހުން ވަނީ އިލްތިމާސް ކޮށްފައެވެ.

އަދި އެފަދަ ފްރޯޑް މައްސަލައެއްގެ ޝިކާރައަކަށް ވެއްޖެނަމަ، ލަސްނުކޮށް ފުލުހުންނަށް ރިޕޯޓު ކުރުމަށް ވެސް އެ އިދާރާއިން ވަނީ އެދިފައެވެ.