ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓްގެ މަރާމާތައް އިންޑިއާ ސަރުކާރުން 8.5 މިލިއަން ރުފިޔާ ދީފައި ވާކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވެފައި ވަނީ 37 ވަނަ ޕޮލިސް އިނީޝިއަލް ޓްރެއިނިން ކޯހުގެ ބައިވެރީން ދަސްވެނިވުމަށް އައްޑޫ ސިޓީގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ.
”މިރޭ އަޅުގަނޑު އުފަލާއެކު އިއުލާނުކުރަން އިންޑިއާ ސަރުކާރުން ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓްގެ އާޑޯ ކެމްޕަސް އާރާސްތުކޮށް ބެލެހެއްޓުމަށް އެހީތެރިވުމުގެ ގޮތުން 8.5 މިލިއަން ރުފިޔާގެ ހިލޭ އެހީއެއް ދެއްވުމަށް ނިންމަވާފައިވާ ކަން“
އިހުސާން ވިދާޅުވީ އިންޑިއާއިން ދެއްވި ހިލޭ އެހީއަށް ފުން ޝުކުރެއް ދަންނަވާ ކަމަށާއި މި ހިލޭ އެހީން ދައްކުވައިދެނީ އިންޑިއާ ސަރުކާރާއި ރައްޔިތުންނާ ދެމެދު އޮތް ހާއްސަ ގުޅުން ކަމަށެވެ.
އަދި ދެއްވި ހާއްސަ ދައުވަތު ގަބޫލުކުރައްވާ އިންޑިއާގެ ނޭޝަނަލް ޕޮލިސް އެކަޑަމީގެ ޑިރެކްޓާ އަމިތް ގާގް ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމުން މިނިސްޓަރު ވަނީ ހާއްސަ ޝުކުރެއްވެސް އަދާކުރައްވާފައެވެ.
މިނިސްޓަރުގެ ވާހަގަފުޅުގައި ވަނީ ޑްރަގާ ދެކޮޅަށް ވަރުގަދަ މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށާއި މަސްތުވާތެކެތި ހުއްޓުވުމަށް ގިނަ މަސައްކަތްތަކެއް ކުރެވިފައި ވާކަން ފާހަގަކުރައްވައިފައެވެ.

