ރޭ ހުޅުމާލޭގައި ޓެކްސީ ޑްރައިވަރުން ކުރިއަށް ގެންދިޔަ އިހުތިޖާޖުގައި ތިން މީހަކު ހައްޔަރުކޮށް 22 އުޅަނދު ޓޯކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

މާލޭގެ ބައެއް ޓެކްސީ ޑްރައިވަރުން ރޭ އިހުތިޖާޖު ކުރީ ސަރުކާރުން ޓެކްސީގެ ހިދުމަތް ފެށުމާ ދެކޮޅަށެވެ.

މި އިހުތިޖާޖުގައި މަގުތައް ބަންދުކޮށް، އާއްމުންނަށް އުނދަގޫ ކުރި މައްސަލައިގައި ހައްޔަރު ކޮށްފައި ވަނީ، އުމުރުން 39 އަހަރުގެ މުހައްމަދު ޝާމިން، މއ، ވިރާހު އާއި އުމުރުން 33 އަހަރުގެ އަހްމަދު ޝަބީން، ސަންރޭ، ލ. ދަނބިދޫ އަދު އުމުރުން 36 އަހަރުގެ ނުއުމާން އަހްމަދު، ހޮލިޑޭވިލެޖް، ހދ. ކުުންދޫއެވެ.

ފުލުހުން ބުނީ، ހުޅުމާލޭގައި ކުރިއަށް ގެންދިޔަ މި އިހްތިޖާޖުގެ ތެރެއިން އާންމު ދަތުރުފަތުރަށް ހުރަސް އަލައި ހުޅުމާލޭގެ މަގުތައް ބަނދުކުރި މައްސަލައިގައި 3 މީހަކު ހައްޔަރު ކުރި ކަމަށާއި އެ އިހުތިޖާޖުގެ ތެރެއިން 22 އުޅަނދު ޓޯ ކޮށްފައިވާ ކަމަށެވެ.

ހައްޔަރު ކުރި މީހުންގެ ތެރެއިން ނުއުމާން ވަނީ ޝަރުތު ކުރުމަށްފަހު ދޫކޮށްލާފައެވެ.

އަދި ބާކީ ތިބި ދެ މީހުންގެ ބަންދަށް ވަނީ 5 ދުވަސް ޖަހާފައެވެ. މި މައްސަލަ ދަނީ އިތުރަށް ތަހުގީގު ކުރަމުން ކަމަށް ފުލުހުން ބުނެއެވެ.