ރާއްޖެ ފަދަ ކުދި ގައުމުތަކަށް ބައިނަލްއަގުވާމީ މާލީ އެހީތެރިކަން ފޯރުކޮށްދިނުމަކީ މުހިންމު ކަމެއް ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ޒަމީރު މިފަދައިން ވިދާޅުވީ އިންޑިއާގައި މި އަހަރުގެ ގްލޯބަލް އިކޮނޮމިކް ޕޮލިސީ ފޯރަމުގައި ވާހަކަދައްކަވަމުންނެވެ.

މިނިސްޓަރު ޒަމީރު ވިދާޅުވީ، ކޮވިޑް 19ގެ ދުވަސްވަރުގައި ގިނަ ގައުމުތަކަށް ދަރަނި ނަގަން މަޖުބޫރުވި ކަމަށެވެ. މިހާރު އެ ގައުމުތަކަށް ކުރިމަތިވަނީ އެ ދަރަނި ބަލަހައްޓައިގެން މެނޭޖުކުރުމުގެ ގޮންޖެހުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ދަރަނި ބެލެހެއްޓުމާއި އާމްދަނީ އިތުރުކުރުމަށް ދެމެހެއްޓެނިވި ގޮތްތަކެއް ހޯދަން ޖެހޭކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

އިތުރަށް މިނިސްޓަރު ވިދާޅުވީ، ރާއްޖޭގައި ބޭނުންކުރާ ހަކަތައިގެ 33 އިންސައްތައަކީ އިއާދަކުރަނިވި ހަކަތައަށް ބަދަލުކުރަން އަމާޒު ހިފާފައިވާ ކަމަށެވެ. އަދި މިފަދަ ލަނޑުދަނޑިތައް ހާސިލްކުރަން ގުޅިގެން މަސައްކަތް ކުރަން ޖެހޭ ކަމަށް ވެސް ވިދާޅުވިއެވެ.