ސަރުކާރުން ޓެކްސީގެ ހިދުމަތް ފެށުމާ ދެކޮޅަށް އިހުތިޖާޖު ކުރި އިތުރު ޑްރައިވަރަކު ހައްޔަރުކޮށްފިއެވެ.

ކޯޓު އަމުރެއްގެ ދަށުން ޓެކްސީ ޑްރައިވަރު މިސްބާހު ޝަރީފް ހައްޔަރު ކޮށްފައިވާކަން ފުލުހުން ވަނީ މިއަދު ކަށަވަރުކޮށްދީފައެވެ.

ފުލުހުން މިއަދު ބުނީ ކޯޓު އަމުރެއްގެ ދަށުން މިސްބާހު އިއްޔެ ހައްޔަރުކުރީ ބުދަ ދުވަހުގެރޭ ބައެއް ޓެކްސީ ޑްރައިވަރުން ކުރިއަށް ގެންދިޔަ އިހުތިޖާޖާއި ގުޅިގެން ކަމަށެވެ.

އޭނާ ހައްޔަރުކުރީ އެ އިހުތިޖާޖުގައި އާއްމު ދަތުރުފަތުރަށް ހުރަސްއަޅައި މަގު ބްލޮކްކޮށް، ފުލުހުންގެ ވާޖިބު އަދާކުރުމަށް ހުރަސްއެޅި މައްސަލައާ ގުޅިގެން ކަމަށް ވެސް ފުލުހުން ބުންޏެވެ.

ޑްރައިވަރުންގެ މުޒާހަރާއާ ގުޅިގެން ބުދަ ދުވަހުގެރޭ ހައްޔަރުކުރި ތިން ޓެކްސީ ޑްރައިވަރުންގެ ތެރެއިން ދެ މީހުންގެ ބަންދަށް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުން ފަސް ދުވަސް ޖަހައިފައިވެއެވެ.

މުޒާހަރާއާ ގުޅިގެން ތިން ޑްރައިވަރުން ހައްޔަރުކުރި ނަމަވެސް އޭގެތެރެއިން އެކަކު ފަހުން ވަނީ ދޫކޮށްލާފައެވެ.