މުދަލު ޒަކާތުގެ ގޮތުގައި މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން، ނޮވެމްބަރު މަހުގެ ނިޔަލަށް ދައުލަތަށް 92.2 މިލިއަން ރުފިޔާ ލިބިއްޖެއެވެ.

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރުގެ މި މުއްދަތުގައި މުދަލު ޒަކާތުގެ ގޮތުގައި ލިބުނީ 83.7 މިލިއަން ރުފިޔާއެވެ.

އެހެންވެ، މުދަލު ޒަކާތުގެ ގޮތުގައި ލިބުނު މިންވަރު ވަނީ މިދިޔަ އަހަރަށްވުރެ 8.5 މިލިއަން ރުފިޔާ ނުވަތަ 10 ޕަސެންޓް އިތުރުވެފައެވެ.

މުދަލު ޒަކާތް ކުރިން ދައްކަނީ އިސްލާމިކް މިނިސްޓްރީ އަށެވެ.

ނަމަވެސް 2016 ވަނަ އަހަރުން ފެށިގެން މުދަލު ޒަކާތް ބަލައިގަތުން ވަނީ މީރާ އަށް ބަދަލުކޮށްފައެވެ.

މީރާގެ އޮންލައިން ޕްލެޓްފޯމްތައް މެދުވެރިކޮށް ވެސް އަދި މީރާއަށް ގޮސްގެން ވެސް މުދަލުގެ ޒަކާތް ދެއްކޭނެއެވެ.

އިސްލާމިކް މިނިސްޓްރީން މިދިޔަ ސެޕްޓެމްބަރު މަހު ވަނީ މުދަލު ޒަކާތުގެ ފައިސާ ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ މީހުންނަށް ބަހަން ފަށާފައެވެ.