އެމްޑީޕީގެ ވެރިކަމުގައި ހެދި ނުވަ ސެޓްލްމަންޓް އެއްބަސްވުމަކީ ބާތިލު އެއްބަސްވުންތަކެއް ކަމަށާއި އެ އެއްބަސްވުންތަކަށް އަމަލުކުރަން ނުޖެހޭ ކަމަށް ބަންޑާރަ ނައިބު އަހުމަދު އުޝާމް ނިންމަވައިފިއެވެ.

އޭޖީ ވަނީ އެކަން ކަމާބެހޭ ފަރާތްތަކަށް އަންގަވައިފައެވެ.

މިދިޔަ ސަރުކާރުން އެކި ކުންފުނިތަކަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި 1.6 ބިލިއަނަށް ވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާކަން ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައެވެ.

މި ސަރުކާރުން ވެރިކަމާ ހަވާލުވިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ސެޓްލްމަންޓް ކޮމިޓީ އުވާލައްވައިފައެވެ. އެ ކޮމިޓީ އުވާލެއްވީ ”ސަރުކާރާއި އަމިއްލަ ފަރާތްތަކާ ދެމެދު ވެފައިވާ އެއްބަސްވުންތަކާ ގުޅިގެން އުފެދިފައިވާ މައްސަލަތައް ހައްލުކުރުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލު“ ގެ ނަމުގައި 28 ނޮވެމްބަރު 2022 އިން ފެށިގެން އަމަލުކުރަމުން ގެންދަނީ، ގާނޫނީ އޮނިގަނޑެއްނެތި އަދި ގާނޫނީ ބާރެއްނެތި އެކުލަވާލާފައިވާ އުސޫލަކަށް ކަމަށް ބަންޑާރަ ނައިބު ރައީސަށް އެރުއްވި ލަފައަށް ރިއާޔަތްކުރައްވައެވެ.

ބަންޑާރަ ނާއިބުގެ އޮފީހުން މިރޭ ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ސަރުކާރާއި އަމިއްލަ ފަރާތްތަކާ ދެމެދު ވެފައިވާ އެއްބަސްވުންތަކާ ގުޅިގެން އުފެދިފައިވާ މައްސަލަތައް ޙައްލުކުރުމަށް ކުރީ ސަރުކާރުން 28 ނޮވެންބަރު 2022 ގައި ބަދަލުދިނުމުގެ އުސޫލެއް އެކުލަވާލާފައިވާ ކަމަށެވެ.

އެގޮތުން ސަރުކާރާއި އަމިއްލަ ފަރާތްތަކާ ދެމެދު ވެފައިވާ އެއްބަސްވުންތަކާ ގުޅިގެން އުފެދިފައިވާ މައްސަލަތައް ޙައްލުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ އުސޫލު ދަށުން ސޮއިކޮށްފައިވާ 9 ސެޓްލްމަންޓް އެއްބަސްވުމަކީ ބާޠިލް އެއްބަސްވުންތަކެއް ކަމަށް ބަންޑާރަނާއިބުގެ އޮފީހުން ވަނީ ބުނެފައެވެ.