ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކެމްޕެއިން ދުވަސްވަރު، ރައީސް ޑރ.މުހައްމަދު މުއިއްޒު ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން(އެޗްޑީސީ)ގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ފަޒުލް ރަޝީދަށް ފޮނުއްވި ކަމަށް ބުނާ ”ފޭކު“ މެސެޖެއް މީސްމީޑިއާގައި ދައުރު ކޮށްފިއެވެ.

މި މެސެޖު ދައުރު ކުރަމުންދަނީ، ”ބިންވެރިޔާ“ ސްކީމާ ގުޅޭ ކޮރަޕްޝަންގެ މައްސަލަތައް ކަމާބެހޭ ފަރާތްތަކުން ބަލަން ފަށާފައިވަނިކޮށެވެ.

މި ދަނޑިވަޅުގައި، މީސްމީޑިއާގައި ދައުރު ކުރަމުން އަންނަ މެސެޖުގައި ވަނީ، މަޖިލިސް އިންތިހާބުގެ ކެމްޕެއިނަށް އެޗްޑީސީން މަދުވެގެން 43 މިލިއަން ރުފިޔާ ހޯދަން ޖެހޭ ކަމަށެވެ.

އެ ފައިސާ ހޯދުން ލާޒިމް ކަމަށާއި، ނޫންނަމަ އެންމެންނަށް ނުރައްކާ އެބައޮތް ކަމަށް މެސެޖުގައިވެއެވެ.

ނަމަވެސް މިއީ އެއްވެސް އަސްލެއް ނެތް މެސެޖެއްކަން ވަނީ ކަށަވަރު ކުރެވިފައެވެ.

ރައީސް، އެޗްޑީސީގެ އެމްޑީއަށް ފޮނުއްވި ކަމަށް ބުނެ ދައުރު ކުރަމުންދާ ފޭކު މެސެޖު

 

ބިންވެރިޔާ ސްކީމުގެ ދަށުން، އުސޫލުން ބޭރުން ބަޔަކަށް ގޯތި ލިބުނު ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި އެޗްޑީސީގެ އެމްޑީ ފަޒުލް އާއި، ޗެއާމަން އަހުމަދު ނާސިފު (ޑީޑީ) ފިޔަވައި، ބޯޑުގެ އެންމެހައި މެމްބަރުން ވަނީ ސަސްޕެންޑު ކޮށްފައެވެ. އަދި އެބޭފުޅުންގެ ޕާސްޕޯޓު ވެސް ހިފަހައްޓައިފައިވެއެވެ.

ރައީީސް ވަނީ ސަރުކާރުގެ ކުންފުނިތަކުގެ ވެރިންނަށް ވަރުގަދަ މެސެޖެއް ވެސް ދެއްވައިފައެވެ. އެމަނިކުފާނު ވިދާޅުވީ، ހިޔާނާތުގެ މައްސަލަތަކަށް ދެއްވާނީ ”ޒީރޯ ޓޮލެރެންސް“ ކަމަށާއި، އެކަން ހަގީގީ މާނައިގައި ތަންފީޒު ކުރައްވާނެ ކަމުގައެވެ.