އުސޫލުތަކާ ހިލާފުވުމާ ގުޅިގެން ރާއްޖެ އިން އުމްރާ އަށް މީހުން ގެންދާ 19 ކުންފުންޏެއް އިސްލާމިކް މިނިސްޓްރީން ޖޫރިމަނާކޮށްފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ އުމްރާ އަށް މީހުން ގެންދިއުމުގެ އުސޫލާ ހިލާފުވި 19 ކުންފުންޏެއް 5،000 ރުފިޔާއިން މިއަދު ޖޫރިމަނާކޮށްފައިވާ ކަމަށެވެ.

މިނިސްޓްރީން ބުނީ ޖޫރިމަނާކުރީ މައްސަލައިގެ ކުޑަބޮޑު މިނަށް ބެލުމަށް ފަހު ކަމަށެވެ.

އުމްރާއަށް މީހުން ގެންދިޔުމުގެ އުސޫލުގައިވާގޮތުން އިސްލާމިކް މިނިސްޓްރީން ހުއްދަ ދީފައިވާ ކުންފުންޏާ ދެމެދު ވެފައިވާ އެއްބަސްވުމާ ހިލާފު ވެއްޖެނަމަ ކުޑަ ބޮޑުމިނަށް ބެލުމަށްފަހު 1،000 ރުފިޔާއާއި 100،000 އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމުގެ އިހުތިޔާރު މިނިސްޓްރީ އަށް ލިބެއެވެ.

އަދި އުމްރާއަށް ގެންދިޔުމުގެ ހުއްދަ ނެތި އެއްވެސް އަމަލެއް ކޮށްފިނަމަ އެ ކުންފުންޏެއް 100،000 އާއި 500،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ.

އުމްރާއަށް މީހުން ގެންދިޔުމަށް އިސްލާމިކް މިނިސްޓްރީން ދީފައިވާ ރަސްމީ ލައިންސަންސް ދައްކައިގެން އުމްރާއަށް ފުރަން ކަމަށް ހަދައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ޑޮލަރު ނަގައި، އުމްރާއަށް ނުދިޔަ ކުންފުންޏެއް ވެސް ފާހަގަކުރެވިފައިވާ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.

އެހެންވެ އެކަން އިތުރަށް ބަލައި، މިނިސްޓްރީއަށް އެކަން ސާބިތުވެއްޖެ ނަމަ އެ ކުންފުނި 30،000 ރުފިޔާ އިން ރުފިޔާއިން ޖޫރިމަނާކޮށް ހުއްދަ ހިފެހެއްޓުމުގެ އިތުރުން މައްސަލަ ތަހުގީގު ކުރަން ފުލުހުންނަށް ފޮނުވާނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

އެއީ ޑޮލަރު ދޫކުރާނީ ފުރުމުގެ ޓިކެޓާއި ޑޮކިއުމެންޓްސް ހުށަހެޅުމުން ކަމުގައި ވެފައި ފޭކު ޑޮކިއުމެންޓް ހުށަހެޅިކަމަށް ތުހުމަތު ކުރެވޭތީ ކަމަށް ވެސް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.