ތިން ކައުންސިލަކަށް ފަޅުރަށްތައް ހަވާލުކުރަން ސަރުކާރުން ނިންމައިފިއެވެ.

ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރު އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޕްރޮޕޯސަލް ހުށަހެޅި ކައުންސިލްތަކަށް ފަޅުރަށްތައް ހަވާލު ކުރެއްވުމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ނިންމަވާފައިވާ ކަމަށެވެ.

އެގޮތުން ރ. އިނގުރައިދޫ ކައުންސިލަށް ރ. ނެޔޮ، ދ. އަތޮޅު ކައުންސިލަށް ދ. މިނިމަސްގަލި އަދި ފެންފުށި، އަދި ލ. މާވަށު ކައުންސިލަށް ލ. ބޮޑުމާބުޅަލި ހަވާލުކުރުމަށް ވަނީ ނިންމައިފައެވެ.

މި ފަޅުރަށްތައް ހަވާލު ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނީ ފިނޭންސް މިނިސްޓްރީ އާއި ލޯކަލް ގަވަމެންޓް މިނިސްޓްރީ ގުޅިގެންނެވެ.

ރައީސް ޑރ. މުއިއްޒު މީގެ ކުރިން ވިދާޅުވެފައިވާ ގޮތުގައި މިހާރު ގެޒެޓުކޮށްފައި އޮތް ގަވާއިދުގެ ދަށުން ކޮންމެ ކައުންސިލަކަށް ވެސް ފަޅު ރަށެއް ހޯދުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ.