މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް(‏އެމްއޭސީއެލް) އިން ފަންސާސް ހާސް ރުފިޔާގެ މުސާރައެއް މަރިޔަމް ޝިއުނާ އަށް ދޭ ކަމަށް ބުނެ އޮންލައިން ނޫހަކުން ފެތުރީ ދޮގު ޚަބަރެއް ކަމަށް އޭނާ ވިދާޅުވެއްޖެއެވެ.

ޝިއުނާ މިހެން ވިދާޅުވިއިރު، މުސާރައަށް 50،000 ރުފިޔާ ދޭކަމަށް އޮންލައިން ނޫސް ”ހުރިހާ“ގައި ރިޕޯޓުކޮށްފައިވެއެވެ.

ޝިއުނާ ފޭސްބުކްގައި މިރޭ ވިދާޅުވީ، އޭނާގެ މުސާރައިގެ ގޮތުގައި، 50،000 ރުފިޔާ ދޭކަމަށް ބުނެ ”ހުރިހާ“ ގައި ފަތުރާފައި ވަނީ ކަނޑައެޅިގެން ދޮގު މައުލޫމާތެއް ކަމަށެވެ.

”މިއީ ކަނޑައެޅިގެން ދޮގު ޚަބަރެއް. 50،000 ރުފިޔާ ކޮންމެ މަހަކު ޝިއުނާއަށް ލިބޭ ކަމަށް ރިޕޯޓުކޮށްފައިވާ ވާހަކަ އަކީ ކަނޑައެޅިގެން ދޮގު މައުލޫމާތެއް.“ ޝިއުނާ ވިދާޅުވިއެވެ.

ޝިއުނާ ވިދާޅުވީ އެފަދަ ދޮގު މައުލޫމާތު ފެތުރުމުގެ ބަދަލުގައި، އެމްއޭސީއެލް އަށް އާރުޓީއައި ލައިފިނަމަ، ނުވަތަ އޭނާ ކައިރީގައި އަހައިލިޔަސް، ސައްހަ މައުލޫމާތު ލިބޭނެ ކަމަށެވެ.

”އެހެން ނަމަވެސް މުޖްތަމަޢުގައި އަޅުގަނޑާބެހޭ ގޮތުން ނަފްރަތު އުފައްދާ ދޮގު މައުލޫމާތު ފަތުރާފައިވާތީ މިކަން ބަލައިދިނުމަށް މީޑިއާ ކައުންސިލަށް ހުށަހަޅާނަން“ އޭނާ ވިދާޅުވިއެވެ.

ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތް ކުރި ޝިއުނާ ހުންނެވީ އެމްއޭސީއެލްގެ މީޑިއާ ޑިޕާޓްމަންޓްގެ މަގާމެއްގައެވެ. އޭނާ ކުރިން ހުންނެވީ ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމުގައެވެ.