ނ. ހޮޅުދޫގައި ޒަހަމްތަކަކާއެކު މަރުވެފައި އޮއްވާ ފެނުނު ޒަކިއްޔާ މޫސާގެ މަރުގެ މައްސަލައިގެ ތަހުގީގަށް އެމެރިކާގެ ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (އެފްބީއައި) ގެ އެހީ ފުލުހުން ހޯދަން ފަށައިފިއެވެ.

ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ ޒަކިއްޔާގެ މަރުގެ މައްސަލައިގެ ތަހުގީގަށް އިތުރު ބައެއްގެ ރައުޔު ހޯދުމުގެ ގޮތުން އެމެރިކާގެ ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަންއާއި، ތަހުގީގުގައި ދިވެހި ފުލުހުން ހޯދާފައިވާ ހޯދުންތައް ހިއްސާކޮށް އެހީތެރިކަން ގެންދަނީ ހޯދުމުން ކަމުގައެވެ.

”އޭގެ އިތުރުން، ދިވެހި ފުލުހުންގެ ސީނިއަރ ތަހުގީގު ޓީމެއް މި މައްސަލަ ރިވިއު ކުރުމަށްޓަކައި ނ. ހޮޅުދޫއަށް ޒިޔާރަތްކޮށްމި މައްސަލައިގެ ތަހުގީގު މުރާޖައާކޮށް، އިތުރަށް ބަލަންޖެހޭ ކަންކަން ދެނެގަތުމުގެ މަސައްކަތް ވަނީ ކުރިއަށް ގެންގޮސްފައި.“ މީޑިއާ އޮފިޝަލްގެ މެސެޖުގައިވެއެވެ.

ޒަކިއްޔާގެ މަރުގެ މައްސަލައިގެ ތަހުގީގަށް، އެފްބީއައިގެ އެހީ ހޯދަން ފެށިއިރު، އޭނާގެ މަރުގެ މައްސަލަ ބަލަމުންދާ ގޮތާމެދު ހޮޅުދޫ ރައްޔިތުން ވަނީ ހިތްހަމަނުޖެހުންފާޅުކޮށް، އިހުތިޖާޖު ވެސް ކޮށްފައެވެ.

”ޒަކިއްޔާ މޫސާގެ މަރުގެ މައްސަލައިގެ ތަހުގީގު ދިވެހި ފުލުހުންގެ ހިދުމަތުން ދަނީ ކުރަމުން.“ ފުލުހުން އިއްޔެ ބުނެފައިވެއެވެ.

މިދިޔަ މަހު ބޭއްވި ނިއުސް ކޮންފަރެންސްގައި ހޮސްޕިޓަލާ ހަވާލާދީ ފުލުހުންގެ ޗީފް އިންސްޕެކްޓަރު މުހައްމަދު ސާމިހް ވިދާޅުވީ ޒަކިއްޔާ މަރުވީ ކަރަށް ލިބުނު ޒަހަމްތަކާ ގުޅިގެން ކަމަށެވެ.

އޭނާގެ ކަރުގައި ފުންކޮށް ޒަހަމްތަކެއް ހުރި ކަމަށާއި ކަރުގެ ވާތް ފަރާތުގައި ފުންކޮށް ތިން ޒަހަމެއް އަދި ކަނާތް ފަރާތުގައި ފުންކޮށް ދެ ޒަހަމެއް ހުރި ކަމަށް ސާމިހު ވިދާޅުވިއެވެ.