އާންމު ސަރަހައްދުތަކަށް އެއްވެ ބިދޭސީން މާރާމާރީ ހިންގައި ހަމަނުޖެހުން ހިންގަމުންދާތީ އާންމު ސަރަހައްދުތައް މޮނިޓާކުރުމުގެ މަސައްކަތް މޯލްޑިވްސް އިމިގްރޭޝަނުން ފަށައިފިއެވެ.

އިމިގްރޭޝަނުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އެ އިދާރާގެ އެންފޯސްމަންޓް އެންޑް ކޮމްޕްލަޔަންސް ޑިވިޝަންގެ އޮފިސަރުން އާންމު ސަރަހައްދުތަކަށް އެއްވެ އުޅޭ ބިދޭސީންގެ މެދުގައި ފަހަކަށް އައިސް އާންމު މަސްލަހަތު ގެއްލޭ ކަންކަން ހިންގަމުންދާތީ އެފަދަ ސަރަހައްދުތައް މޮނިޓާކުރުމުގެ މަސައްކަތް ފަށައިފައިވާ ކަމަށެވެ.

މޮނިޓަރިންގެ ތެރެއިން ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީއެއް ދެނެގަނެވިއްޖެނަމަ، ޓާސްކް ފޯސްއިން ފިޔަވަޅު އަޅާނެ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.

ބިދޭސީން އެއްވާ އާންމު ތަންތަން މޮނިޓާކުރުން ސިލްސިލާކޮށް ކުރިއަށް ގެންދާނެ ކަމަށް ވެސް އިމިގްރޭޝަނުން ބުންޏެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ހަވަނަ ދުވަހު އާޓިފިޝަލް ބީޗުގައި ބިދޭސީންތަކެއް ވަނީ މާރާމާރީ ހިންގައިފައެވެ.