ރައްޔިތުން ބޭނުންވާގޮތަށް ތަކަންދޫ ބަނދަރުގެ މަޝްރޫއު ހިނގާފައިނުވާކަން ފާހަގަކުރައްވައި، ރައްޔިތުން އެދޭގޮތަށް ބަނދަރު ބޮޑުކުރުމުގެ އަމަލީ މަސައްކަތް މިއަހަރު ފަށްޓަވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ހއ ތަކަންދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ތަކަންދޫ ޕްރީސުކޫލުގައި ކުރިއަށްދިޔަ މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ބަނދަރުގެ މަޝްރޫއު ކުރިއަށް ގެންދަވާނީ ބަނދަރު އެއްކޮށް ނިމިގެންދާއިރު ރަށް ގިރުމުގެ މައްސަލައަށްވެސް ޙައްލެއް ލިބިގެންދާނެ ގޮތަށް ކަމަށެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުން ތަކަންދޫއަކީ، ދިވެހި ގައުމުގެ ގައުމިއްޔަތު ތަރައްގީ ކުރުމުގައި މުހިންމު ދައުރެއް އަދާކުރާނެ ރަށެއްކަމަށާއި، ތަކަންދޫއަކީ ގައުމީ ވިސްނުމެއްގައި ސަމާލުކަންދޭންޖެހޭ ރަށެއްގެ ގޮތުގައި ސަރުކާރުގެ ސިޔާސަތުގައި ކަނޑައަޅާފައިވާ ރަށެއްކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އަދި އާބާދީގެ ގޮތުން މީހުން މަދުނަމަވެސް ތަރައްގީގެ ގޮތުން ތަކަންދޫ ކުރިއަށްގެންދާނީ ގައުމުގެ ތާރީހު ހިމާޔަތްކުރުމުގެ ސިޔާސަތުގެ ތެރެއިން ވަރަށް މުހިންމު އިސްކަމެއް ދީގެންކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މިމޭރުމުން ވާހަކަފުޅު ކުރިއަށްގެންދަވަމުން، ރައީީސް އިއްޔެ އުތީމުގައި އިއުލާންކުރެއްވި، ގައުމިއްޔަތު އިޢާދަކުރުމާއި ފުޅާކުރުމާއި، ދަރިންނަށް ކިޔަވައިދިނުމާއި އަދި ކުރިއަށްއޮތް މުސްތަގުބަލަށް ގައުމިއްޔަތު ރައްކާތެރިކުރުމުގެ ހާއްސަ މަޝްރޫއުއެއްގެގޮތުގައި ޖެހިޖެހިގެން ދެ އަހަރު ޤައުމީ ދުވަސް ފާހަގަކުރުން ހިމަނައިގެން ކުރިއަށް ގެންދަން ނިންމާފައި އޮތް މަޝްރޫޢުގެ ތެރޭގައި، ތަކަންދޫ އަދި ބާރަށް ހިމެނޭގޮތަށް، އެ މަޝްރޫއު ކުރިއަށްގެންދަން ނިންމާފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުންވެސް ތަކަންދޫ ރައްޔިތުންނަށް ދަތުރުފަތުރުކުރުމުގައި ލުއިފަސޭހަތައް ހޯދައިދިނުމަށް މި އަންނަ ރަމަޟާންމަހުގެ ކުރިން މަތިބިތުން ދަތުރުކުރާ އާރް.ޓީ.އެލް ފެރީ ތަކަންދޫއަށާއި މާރަންދޫއަށް މަޑުކޮށްފައި ދާގޮތަށް ހަމަޖެހިގެންދާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.