ރ. އުނގޫފާރުން ށ. މިލަންދޫއަށް ދަތުރު ކުރަމުންދިޔަ ލޯންޗެއް ބަންޑުން ޖަހައިލުމުން، އެއިން ދަތުރު ކުރި 15 މީހުން ސަލާމަތްކޮށްފިއެވެ.

ފުލުހުން ބުނީ މިއަދު މެންދުރު 14:30 ހާއިރު އުނގޫފާރުން ފުރައިގެން މިލަންދޫ އަށް ދިޔުމަށް ދަތުރުކުރި ލޯންޗެއް ށ. މާކަނޑޫދޫ ކައިރިއަށް އަޑިއަށް ގޮސްފައިވާ ކަމަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

މި ލޯންޗުން ހަ އަންހެނުންނާއި ހަތަރު ފިރިހެނުން އަދި ފަސް ކުޑަކުދިން ދަތުރުކުރި ކަމަށް ފުލުހުން ބުނެއެވެ.

ލޯންޗުން ދަތުރުކުރި އެންމެން ސަލާމަތްކޮށް، މިލަންދޫ ސިއްހީ މަރުކަޒަށް ގެންގޮސް ފަރުވާ ދިނުމަށް ފަހު ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުނެއެވެ.