އިދިކޮޅު ލީޑަރު ރައީސް ޔާމީން އަބްދުލްގައްޔޫމަކީ ހިދުމަތުގެ އަހުލުވެރިއެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފު(ސެމްބެ) ވިދާޅުވެއްޖެއެވެ.
ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ސެމްބެ ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމުގައި އެތެރެއިންނާއި ބޭރުން ދިމާވި އެކި ގޮންޖެހުންތަކާއެކުގައިވެސް، ރައްޔިތުންނަށް ހިދުމަތް ކުރެއްވުމުގައި އެމަނިކުފާނު ޒައްރެއްގެ މިންވަރުވެސް ފަހަތަށް ޖެހިވަޑައިގެންފައިނުވާ ކަަމަށެވެ.
ރައީސް ޔާމީންގެ ވެރިކަމުގައި ރާއްޖޭގެ އިގްތިސާދީ ހާލަތު ވަރަށް ބޮޑަށް ރަނގަޅުވެ، ޒުވާނުންނަށް ވަޒީފާގެ ތަނަވަސް ފުރުސަތުތަކެއްވެސް ލިބިގެން ދިޔަކަން ސެމްބެ ފާހަގަ ކުރެއްވިއެވެ.
”އެހެންވީމަ ރައްޔިތުން ތިބީ ވަރަށް އުފަލުން. ޖީބުތައް އޮތީ މުއްސަނދިވެފައި. ދިވެހި ރައްޔިތުންނަށް އެ ހުރިހާ ހިދުމަތެއް ލިބުމުގައި އެއްވެސް ދައްޗެއް ނުވޭ. ސަރުކާރު ވައްޓާލަން އޭރުން ކިހާ ކަންކަމެއް ކުރިތޯ؟“ ސެމްބެ ވިދާޅުވިއެވެ.
ރައީސް ޔާމީންގެ ވެރިކަން ބަދަލު ކުރުމަށްޓަކައި ކޯޓުތަކަށް ނުފޫޒު ފޯރުވައިގެންވެސް މަސައްކަތް ކުރިކަން ފާހަގަކުރައްވައި އޭނާ ވަނީ އެހުރިހާ ގޮންޖެހުންތަކާއެކުގައިވެސް ރައީސް ޔާމީން ގައުމަށް ހިދުމަތް ކޮށްދެއްވި ކަމަށް ވިދާޅުވެފައެވެ.