ދިވެހިރާއްޖެއާ ސްރީލަންކާއާ ދެމެދު އޮތީ އިތުބާރުގެ މައްޗަށް ބިނާވެފައި އޮތް ވަރުގަދަ ގުޅުމެއްކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ، ސްރީލަންކާގެ މިނިވަން ދުވަހުގެ ތަހުނިޔާ އެ ގައުމުގެ ރައީސް އަނުރަ ކުމާރަ ދިސާނަޔަކައާއި ބޮޑުވަޒީރު ޑރ. ހަރީނީ އަމަރަސުރިޔާއަށާއި، އެ ގައުމުގެ ސަރުކާރަށާއި ރައްޔިތުންނަށް އަރިސްކުރައްވަމުންނެވެ.
ރައީސް ވިދާޅުވީ ސްރީލަންކާއާއި ރާއްޖެއާ ދެމެދު އޮތީ އެއްގޮތް ސިޔާސަތުތަކަކާއި އިތުބާރުގެ މައްޗަށް ބިނާވެފައި އޮތް ވަރުގަދަ ގުޅުމެއްކަމަށެވެ.
އަދި ރާއްޖެއާއި ލަންކާގެ ދުވަސްވީ، ގާތް ގުޅުމުގެ މައްޗަށް ބިނާވެގެން ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށް ޔަގީންކުރައްވާކަމަށްވެސް އެ މަނިކުފާނު ވިދާޅުވިއެވެ.
އެމަނިކުފާނު ވަނީ ސްރީލަންކާގެ ރައްޔިތުންނަށް އަމާންކަމާއި ކުރިއެރުމާއި ކާމިޔާބީއަށް ވެސް އެދިވަޑައިގެންފައެވެ.

