ޖަމާލުއްދީން ސްކޫލް (ޖޭ.އެސް) އިން ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއިލް ނަސީމްއާ ގުޅޭ ގޮތުން ކުރި ޕޯސްޓް ޑިލީޓްކޮށްލި ސަބަބު ހާމަކޮށްފިއެވެ.

ޖަމާލުއްދީން ސްކޫލުގެ އަހަރީ ދުވަހާ ގުޅިގެން އެ ސްކޫލުން އަންނަނީ، އިސް ދަރިވަރުންގެ ނަންތައް ފާހަގަކޮށް، އެ ދަރިވަރުންގެ ކާމިޔާބީތައް ހިއްސާ ކުރަމުންނެވެ.

މީގެ ކުރިން، ރާއްޖޭގެ ތާރީހު ދުށް އެންމެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގު(ދަގަނޑޭ) އާ ގުޅޭ ޕޯސްޓެއް ވެސް ޖޭ.އެސް އިން ކުރިއެވެ. އަޝްފާގަކީ ވެސް އެ ސްކޫލުގެ ކުރީގެ ދަރިވަރެކެވެ.

އިއްޔެ ހެނދުނުގެ ވަގުތެއްގައި، ޖަމާލުއްދީނުން ކިޔެވިއިރު މީކާއިލް ހޯއްދެވި ކުރިއެރުންތައް އެ ސްކޫލްގެ ފޭސްބުކްގައި ހިއްސާ ކުރިއެވެ. ނަމަވެސް ފަހުން، އެ ޕޯސްޓު ޑިލީޓުކޮށްފައިވެއެވެ.

ޖަމާލުއްދީން ސްކޫލްގެ އެކްސް އެކައުންޓުން މިރޭ ކުރި ޕޯސްޓެއްގައި ބުނީ، އެ ސްކޫލަށް 40 އަހަރު ފުރުމާ ދިމާކޮށް، ކުރިއަށް ގެންދާ އެލުމްނާއި ޕްރޮފައިލްސްގެ 06 ފެބްރުއަރީ 2025ގެ ޕޯސްޓު ޑިލީޓު ކުރަން ޖެހުނީ، އެ ސްކޫލަކީ ތައުލީމާއި ތަރުބިއްޔަތު ދޭ މުއައްސަސާއަކަށްވެފައި، ކުރީގެ ދަރިވަރު މީކާއީލްގެ ފަރާތުން ދަރިވަރުންނަށް ނަމޫނާއަކަށް ފެންނާން ނުޖެހޭ ފަދަ އަމަލުތައް ފެނުމުން ކަމަށެވެ.

އަދި އެފަދަ ކަންކަމަކީ، ސްކޫލުން ގަބޫލު ކުރާ އަހްލާގީ މިންގަނޑުން ބޭރު ކަންކަން ކަމަށް ވެސް ޖަމާލުއްދީނުން ބުނެފައިވެއެވެ.

”ސްކޫލުން މި ޕޯސްޓް ޑިލީޓްކޮށްފައި ވަނީ، އެލުމްނާއި ޕްރޮފައިލް ކޮމިޓީގެ މަޝްވަރާގެ މަތިންނެވެ.“ ޖަމާލުއްދީންގެ ޕޯސްޓުގައިވެއެވެ.

މީކާއީލްގެ ޕޯސްޓާ ގުޅިގެން، ބެލެނިވެރިންގެ ކަންބޮޑުވުންތައް ލިބުނު ކަމަށް ވެސް ބުންޏެވެ.

ޖޭ.އެސް އިން މީކާއީލްގެ ޕޯސްޓު ޑިލީޓު ކުރީ، އެޑިއުކޭޝަނުން ”ޕްރެޝަރ“ކޮށްގެން ކަމަށް ބައެއް ފަރާތްތަކުން ތުހުމަތު ކުރިޔަސް، އެ ސްކޫލުން އެކަން ދޮގު ކުރެއެވެ.

ނަމަވެސް މީކާއިލް ”އެކްސް“ ގައި ކުރެއްވި ޕޯސްޓެއްގައި ތުހުމަތު ކުރެއްވި ގޮތުގައި، އޭނާގެ ޕޯސްޓު ޑިލީޓް ކުރީ އެޑިއުކޭޝަން މިނިސްޓްރީން އަންގައިގެންނެވެ.

ނަމަވެސް، ޖަމާލުއްދީނުން އެފަދަ ޝަރަފެއް އޭނާއަށް ދެއްވި ކަމަށްޓަކައި އެ ސްކޫލަށް ޝުކުރު އަދާ ކުރާ ކަމަށް ވިދާޅުވިއެވެ.

ޖަމާލުއްދީން ސްކޫލުން މީކާއީލްގެ ޕްރޮފައިލް ޑިލީޓު ކުރިއިރު، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ރައީސް ޑރ.މުހައްމަދު މުއިއްޒު ރިޔާސީ ބަޔާން އިއްވެވުމަށް މީކާއީލް ހުރަސް އަޅުއްވަން މަސައްކަތް ކުރެއްވިއެވެ. ރިޔާސަތުން ވަނީ، އޭނާގެ ނަން ވެސް އިއްވައިފައެވެ.