އައިޖީއެމްއެޗުން ވައްކަން ކުރި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި ދެ މީހުންގެ ބަންދުގެ މުއްދަތު ކްރިމިނަލް ކޯޓުން ޖަހައިފިއެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ދަފްތަރު ނަންބަރު ރސ362\49\ އުމުރުން 46 އަހަރުގެ މުހައްމަދު އިބްރާހީމާއި ގ.ގަސްރު އުމުރުން 40 އަހަރުގެ ތަލާލް މުހައްމަދުއެވެ.

މި ދެމީހުންގެ ބަންދުގެ މުއްދަތު ޖަހައި ކްރިމިނަލް ކޯޓުން ނެރުނު ބަންދު އަމުރުން އެނގޭ ގޮތުގައި މި ދެމީހުން ވެސް ހައްޔަރުކޮށްފައިވަނީ ހައްޔަރުކުރުމުގެ އިޖުރާއަތްތަކާއި އެއްގޮތަށެވެ.

މި ދެމީހުންގެ މައްޗަށް ވެސް އައިޖީއެމްއެޗުން ވައްކަން ކުރިކަމަށް ތުހުމަތު ކުރެވޭކަން ވެސް ބަންދު އަމުރުން އެނގެއެވެ.

ނަމަވެސް ހޮސްޕިޓަލް މުވައްޒަފަކު ހުއްދަ ދީގެން އެތަނުގައި ހުރި އެލުމިނިއަމްތަކެއް ނެގީކަމަށް ދެ މީހުން ވެސް ޝަރީއަތުގައި ބުނެފައިވެއެވެ.

ނަމަވެސް ދެމީހުންނަށް ވެސް ހުއްދަ ދިނީ ކޮން މުވައްޒަފަކު ކަމެއް ބުނެދެވިފައެއް ނުވެއެވެ.

އައިޖީއެމްއެޗުން ވައްކަން ކުރުމުގައި ބައިވެރިވެފައި ނުވާކަމަށާއި އެތަނަށް ދިޔައީ ރައްޓެއްސަކު ފެނިގެންކަމަށް ތަލާލު ޝަރީއަތުގެ މަޖިލީހުގައި ބުނެފައިވާ ކަމަށާއި ނަމަވެސް ފުލުހުންގެ ހާދިސާ ރިޕޯޓުގައި އޭސީ އެއްގެ ބައިތަކެއް ވަގަށް ނަގަން އުޅުނު ކަމަށް ކަން ބަންދު އަމުރުން އެނގެއެވެ.