ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ)ގެ ޗީފް އެގްޒެކެޓިވް އޮފިސަރގެ މަޤާމަށް މ. މާފުށީގެ، މަރްޔަމް ޝަފީޤު އައްޔަންކުރައްވައިފިއެވެ.

Ads by Asuru

މަރްޔަމް ޝަފީޤު އެމަގާމަށް އައްޔަންކުރައްވާފައި ވަނީ ކުރިން އެ މަގާމު ފުރުއްވަމުން ގެންދެވި އިސްމާޢީލް ޢައްޒާމް ވަޖީހު އިސްތިއުފާދެއްވާފައި ވާތީއެވެ. މަރްޔަމް ޝަފީޤް ވަނީ ތައިލެންޑްގެ ޗުލަލޯންގކޯން ޔުނިވަރސިޓީން ހެލްތު އިކޮނޮމިކްސްގެ ދާއިރާއިން މާސްޓަރސް ޑިގްރީ ހާސިލްކުރައްވާފައެވެ.

މަރްޔަމް ޝަފީޤު މީގެ ކުރިންވެސް އެންސްޕާގެ ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަގާމާއި އެ އިދާރާގެ އިސް މަގާމުތަކާއި، ސިއްހީ ދާއިރާއާއި އަދި ދައުލަތުގެ އެހެން ބައެއް އިދާރާތަކުގެ އިސް މަގާމުތައް ފުރުއްވާފައިވެއެވެ. އޭނާ އެންމެ ފަހުން ހުންނެވީ އާސަންދަ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމުގައެވެ.