ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ރައްޔިތުންނަށް ކަންކަން ކޮށްދެނީ ވަރަށް ކޮށްދޭ ހިތުން ކަމަށް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

Ads by Asuru

”ސޯސަލް“އަށް ދެއްވި އިންޓަރވިޔުއެއްގައި އޭނާ ވަނީ ރައީސް ސޯލިހު އަކީ އިހްލާސްތެރި ވެރިއެއް ކަމަށް ސިފަކުރައްވައި، ރައީސްއަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވާފައެވެ.

”އަޅުގަނޑު ހިތުގެ އަޑިން ގަބޫލު ކުރަން (ރައީސް) ކޮންމެ ބަހެއް ވިދާޅުވަނީވެސް އެކަމެއް ހަމަ ކޮށްދިނުމުގެ ނިޔަތުގައިކަން. އަދި ކޮށްދޭން ބޭނުންފުޅުވާތީކަން.“

އާޒިމް ވިދާޅުވީ އޭނާ އެމްޓީސީސީއާ ހަވާލުވެވަޑައިގެންނެވި ފަހުން ގިނަ މަޝްރޫއުތަކެއް ހިންގަމުން އަންނައިރު، މި މަޝްރޫއުތައް އެންމެ ފުރިހަމައަށް، އަދި ރައްޔިތުން އެދޭ ގޮތަށް ކުރިއަށް ގެންދެވުމަށް ރައީސް ސޯލިހު ނަސޭހަތްތެރިވެވަޑައިގަންނަވާ ކަމަށެވެ.

އާޒިމް އިތުރަށް ވިދާޅުވީ އޭނާގެ މުޅި ވޯކިން ކެރިއަރުގައިވެސް، ރައީސް ސޯލިހު ފަދައިން، އިހްލާސްތެރިކަމާއެކުގައި ރައްޔިތުންނަށް ކަންކަން ކޮށްދެއްވަން ބޭނުންފުޅުވާ ވެރިއަކު ފެނިވަޑައިގެންފައި ނުވާ ކަމަށެވެ.

އަދި ދެން އަންނަ ރިޔާސީ އިންތިހާބެއްގައި ރައީސް ސޯލިހަށް ތާއީދު ކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެ.