ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް(ޕީޕީއެމް) ބައިބައިކޮށް، ފިތުނަ އުފައްދަން މަސައްކަތް ކުރާ ފަރާތްތަކުން އެ ކުރަނީ ބޭކާރު މަސައްކަތެއް ކަމަށް އެޕާޓީން ބުނެފިއެވެ.

Ads by Asuru

ޕީޕީއެމުން މިހެން ބުނީ، ޕީއެންސީގެ ރައީސް އަބްދުއްރަހީމް އިދިކޮޅު ކޯލިޝަނުގެ އިސް ސަފުން އެކަހެރި ކުރަން މަސައްކަތް ކުރަމުންދާ ކަމަށް ބުނެ، ”ދެންމެ“ ކިޔާ ނޫހެއްގައި ޝާއިއު ކޮށްފައިވާ ލިޔުމަކާ ގުޅިގެން ނެރުނު ބަޔާނެއްގައެވެ.

މި ބަޔާނުގައި ވަނީ އިދިކޮޅު ލީޑަރު، ރައީސް ޔާމީންގެ އިތުބާރު، އަބްދުއްރަހީމްގެ މައްޗަށް ގެއްލިއްޖެ ކަމަށް ބުނެ ލިޔެފައިވަނީ ހަގީގަތާ ހިލާފު ލިޔުމެއް ކަަމަށެވެ. އިދިކޮޅު ކޯލިޝަނުން ވަނީ ”ދެންމެ“ ނޫހުން އެފަދަ ލިޔުމެއް ޝާއިއު ކުރި ކުރުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިވެސް ކޮށްފައެވެ.

އިދިކޮޅުގެ ބަޔާނުގައި ބުނީ، އެފަދަ ހަގީގަތެއް ނެތް ވާހަކަ ދައްކައިގެން އެ ކޯލިޝަން ބައިބައިކޮށްލެވިދާނެ ކަމަށް ހީކުރުމަކީ ވަރަށް ބޮޑު ކުށްހީއެއް ކަމަށެވެ. އަބްދުއްރަހީމް ލ.އަތޮޅުގައި މިވަގުތު ހުންނެވީ ރައީސް ޔާމީންގެ ހާއްސަ މަސައްކަތްޕުޅެއްގައިކަންވެސް ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.

އިދިކޮޅު ކޯލިޝަނުން ވަނީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތައް ފަތުރައިގެން، ފިތުނަ އުފައްދަން މަަސައްކަތް ކުރާ ނޫސް މަޖައްލާތަކާމެދުގައި، ނޫސްތައް ޖަވާބުދާރީ ކުރުވަން ޖެހޭ ފަރާތްތަކުން ފިޔަވަޅު އެޅުމަށްވެސް ގޮވާލާފައެވެ.