ރައީސް ޔާމީން ބޭރު ގައުމުތަކަށް ކުރެއްވި ދަތުރުފުޅުތަކުގެ ވާހަކަ ދައްކަން ޖެހޭ ކަމަށް ވިދާޅުވެ ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ދެއްކެވި ވާހަކަތަކަށް ރައީސް ޔާމީންގެ ވެރިކަމުގައި ޗީފް އޮފް ސްޓާފަކަށް ހުންނެވި އަހުމަދު މުސްތަފާ ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.

Ads by Asuru

އެގޮތުން މުސްތަފާ ވަނީ ރައީސް ޔާމީން ކުރެއްވި ދަތުރުފުޅުތަކާއި ގުޅިފައިވާ ބޮޑެތި މަޝްރޫއުތަކުގެ މައުލޫމާތު ހިއްސާ ކުރައްވާފައެވެ. މުސްތަފާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ޔާމީން ސިންގަޕޫރަށް ދަތުރުފުޅުތަކެއް ކުރެއްވީ ބޭސް ފަރުވާއަށް ކަަމަށެވެ.

”މެލޭޝިއާގެ އެއް ދަތުރަކީ ދަރިފުޅުގެ ޕްރޮސީޖަރ އަކަށް ކުރެއްވި ދަތުރުފުޅެކެވެ. އަމިއްލަފުޅު ޓިކެޓުގެ އިތުރުން، ސެކިއުރިޓީ ބޭފުޅުންގެ ޓިކެޓުވެސް ނެންގެވީ އަމިއްލަފުޅަށެވެ. ދިވެހީންނަށް 90 ދުވަހުގެ އޮން އެރައިވަލް ވީސާ ހަމަޖައްސަވައިދެއްވީ ރައީސް ޔާމީން އެދިލެއްވުމަކަށެވެ.“

މީގެ އިތުރުން މުސްތަފާ ވިދާޅުވީ ރައީސް ޔާމީން ސައުދީ އަރަބިއާއަށް ތިން ފަަހަރު ވަޑައިގެންނެވީ އަޅުކަމަށް ކަމުގައެވެ. އެ ދަތުރުގައި ބައިވެެރިވެވަޑައިގެންނެވި އެހެން ބޭފުޅުން ޓިކެޓު ނެންގެވީ އަމިއްލައަށްކަންވެސް މުސްތަފާ ފާހަގަކުރެއްވިއެވެ.

ސައުދީއަށް ރައީސް ޔާމީން ކުރެއްވި ދަތުރުފުޅުތަކުގެ ނަތީޖާއަކީ ކިންގް ސަލްމާން މިސްކިތް ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

”މާލޭގެ އިރުމަތީ ފަރާތުގައި ރާއްޖޭގެ އެންމެ ބޮޑު މިސްކިތްވެސް ހުންނާނެއެވެ.“

ރައީސް ޔާމީން ޗައިނާއާ ގާތް ގުޅުމެއް ބޭއްވެވިއިރު، އެމަނިކުފާނުގެ ފަސް އަހަރުގެ ޒައާމަތުގައި ޗައިނާ ސަރުކާރުން ވަނީ ރާއްޖޭގެ އުމްރާނީ ތަރައްގީއަށް ވަރަށް ބޮޑަށް އެހީތެރިވެފައެވެ.

ރައީސް ޔާމީނާ އެންމެ އަރިސް، މުސްތަފާ ވިދާޅުވި ގޮތުގައި، ޗައިނާއަށް ވަޑައިގެން އެމަނިކުފާނު ވިދާޅުވީ ”އައި ވޯންޓު ބިލްޑް ހޯމްސް ފޮރ މައި ޕީޕަލް“ ކަމަށެވެ. ރާއްޖޭގެ ތާރީހުގައި ހިންގި އެންމެ ބޮޑު ބޯހިޔާވަހިކަމުގެ މަޝްރޫއު ކަމުގައިވާ ”ހިޔާ“ މަޝްރޫއު ހިންގުމަށް އިންޑަސްޓްރިއަލް އެންޑް ކޮމާޝަލް ބޭންކް އޮފް ޗައިނާ(އައިސީބީސީ)އިން ލޯނު ނަގާފައިވެެއެވެ.

މުސްތަފާ ވަނީ ޗައިނާގެ އެހީގައި އެޅި ސިނަމާލެ ބްރިޖު،  ފާޑުކިޔާ ފަރާތްތަކަށް ނުފެންނާތީ، އެކަމަށް ފާޑު ވިދާޅުވެފައެވެ.

ރައީސް ޔާމީން ޔޫއޭއީއަށް ދަތުރުފުޅު ކުރަައްވައި، މާފަރު އެއާޕޯޓް މަޝްރޫއުއަށް އެހީ ހޯއްދަވައި، ދިވެހީންނަށް އެގައުމުން އޮންއެރައިވަލް ވީސާ ހަމަޖެއްސެވިކަންވެސް މުސްތަފާ ވަނީ ފާހަގަކުރައްވާފައެވެ.

އަދި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ހާއްސަ، އެންމެ ފާހަގަކޮށްލެވޭ އެއް މަޝްރޫއު ކަމުގައިވާ ކްރޮސްރޯޑްސް ޕްރޮޖެކްޓް ހޯއްދެވީ، ރައީސް ޔާމީން ތައިލެންޑަށް ކުރެއްވި ދަތުރުފުޅުގައިކަންވެސް މުސްތަފާގެ ޓްވީޓުގައި ލިޔުއްވިއެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި ބޭރު ގައުމުތަކަށް ކުރެއްވި ދަތުރުފުޅުތަކާއެކު، ރާއްޖެއަށް ގިނަ ފައިދާތަކެއް ލިބުނުއިރު، މި ސަރުކާރުގެ އިސް ބޭފުޅުން ކުރައްވާ ދަތުރުފުޅުތަކުން އެއްވެސް ނަތީޖާއެއް ހާސިލުނުވާ ކަމަށް ފާޑުކިޔާ ފަރާތްތަކުން ދަނީ ބުނަމުންނެވެ. މިގޮތުން، މި ސަރުކާރުގެ ދަތުރުފަތުރުގެ ހަރަދުތައް ގިނަ ވާހަކަ ދައްކާއިރު، ކުރީ ސަރުކާރުގެ ދަތުރުތަކުގެ ވާހަކަވެސް ދައްކަން ޖެހޭ ކަމަށް ވިދާޅުވެ، ރައީސް އޮފީހުގެ ތަރުޖަމާނު ދެއްކެވި ވާހަކައަށް ގިނަ ބަޔަކު ދަނީ ފާޑުކިޔަމުންނެވެ.