މި ސަރުކާރުން މަސްވެރިންނަށް ވެފައިވާ ވައުދުތައް ފުއްދުމަށް ގޮވާލައި، ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ރޭ މާލޭގައި އެއްވުމެއް ބާއްވައި، އަޑު އުފުލައިފިއެވެ.

Ads by Asuru

މި އެއްވުމުގެ ބައިވެރިން ވަނީ މަސްކަނޑުތައް އިންޑިއާއަށް ހިބަ ކޮށްދީފައިވާކަން ފާހަގަކޮށް، އެކަމާ ދެކޮޅަށް އަޑު އުފުލާފައެވެ.

އިންޑިއާގެ ބޯޓު ފަހަރު، ރާއްޖެ ސަރަހައްދަށް ވަދެ، ގަވައިދާ ހިލާފަށް މަސް ބާނަމުން އަންނައިރު، އެމްއެންޑީއެފުން ހުރީ ހަނު ކަމަށްވެސް އެއްވުމުގެ ބައިވެރިން ދިޔައީ ބުނަމުންނެވެ.

ޕީޕީއެމްގެ އޮފީސް ސަރަހައްދުގައި ބޭއްވި މި އެއްވުމުގައި ޕީޕީއެމް-ޕީއެންސީގެ ލީޑަރޝިޕްގެ ބޭފުޅުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މަސްވެރިންގެ ހައްގުތައް ކަށަވަރު ކޮށްދިނުމަށް ގޮވާލައި އިދިކޮޅު ފަރާތްތަކުން އެއްވުމެއް ބޭއްވިއިރު، 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިނުގައި އެމްޑީޕީން މަސްވެރިންނަށް ގިނަ ވައުދުތަކެއް ވިއެވެ.

އެގޮތުން އެމްޑީޕީގެ މެނިފެސްޓޯގައި ގޭދޮށު މަސް ފެކްޓްރީތައް ގާއިމު ކުރުމާއި, މަސްވެރިކަމަށް ދުނިޔޭގެ ބާޒާރުގައި ލިބޭ ބޮޑު އަގު ދިވެހި މަސްވެރީންނަށް ހޯދައިދިނުމާއި, ކަންނެލި ޖަގަހަތައް ގާއިމުކުރުންފަދަ ކަންކަން ހިމެނިއެވެ.