ކޮންޓްރޯލަރ އޮފް އިމިގްރޭޝަންގެ މަގާމުން ވަކިކުރި ޝަމްއާން ވަހީދުގެ ބަންދަށް 15 ދުވަހުގެ މުއްދަތެއް ޖަހައިފިއެވެ.
އޭނާ ވަނީ މަޖީދީ މަގުގައި ހުންނަ ފުލުހުންގެ ސާޖަންޓް އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންއަށް ހާޒިރުވުމާއެކު ހައްޔަރުކޮށްފައެވެ.
ފުލުހުން ބުނީ، ޝަމްއާން ހައްޔަރުކުރީ މޯލްޑިވްސް އިމިގްރޭޝަންގެ ބައެއް މުވައްޒަފުން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ބިދޭސީންގެ އަތުން ނާޖާއިޒް މަންފާ ހޯދަމުން އަންނަކަމުގެ މައްސަލައިގެ ތުހުމަތުގައި ކަމަށެވެ.
ޝަމްއާންގެ މައްޗަށް ކުރެވޭ ކޮރަޕްޝަންގެ ތުހުމަތަށް ބާރުދޭ ކަންތައްތަކެއް ފުލުުހުން މިހާރު އިމިގްރޭޝަންގެ މުވައްޒަފުންތަކެއްގެ މައްޗަށް ހިންގާ ތަހުގީގުގައި ފެނިފައިވާކަން ފުލުހުން ވަނީ ހާމަކޮށްފައެވެ.
ޝަމްއާންގެ ގެއިން ފެނުނު ބައިމިލިއަނެއްހައި ނަގުދު ފައިސާއަކީ އޭނާގެ އަމުރަށް ޑިޓެންޝަނުން މިނިވަންކުރި ބިދޭސީއެއްގެ އަތުގައި ހުރި ފައިސާކަމަށް ފުލުހުން ތުހުމަތުކޮށްފައިވެއެވެ.
އެ ފައިސާއަކީ އިމިގްރޭޝަނުން ބަންދުކުރި ބިދޭސީއެއްގެ އަތުގައި ހުރި 530،000 ރުފިޔާކަމަށް ތުހުމަތުކުރެވެއެވެ.
އަދި ޝަމްއާން ދިރިއުޅޭ ގެ ބަލައިފާސްކޮށް ގިނަ އަދަދެއްގެ ފައިސާއާއި އިލެކްޓްރޯނިކް ސާމާނުތަކެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

