ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން، އިދިކޮޅު ލީޑަރު، ރައީސް ޔާމީން އަބްދުލްގައްޔޫމުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދެ ދައުވާ ސާބިތުކުރުމަށް ދައުލަތުން ހެއްކެއްގެ ގޮތުގައި ހުށައަޅާފައިވާ އިކޮނޮމިކް އެންޑް ޔޫތު ކައުންސިލް(އީ.ވައި.ސީ) ގެ ބައްދަލުވުމެއްގެ ޔައުމިއްޔާއަކީ ސައްހަ ޔައުމިއްޔާއެއް ނޫންކަމަށް ވިދާޅުވެ ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރު އަހުމަދު ޒުހޫރު ހެކިބަސް ދެއްވައިފިއެވެ.

Ads by Asuru

ވ. އާރަށުގެ މައްސަލައާއި ގުޅިގެން ކްރިމިނަލް ކޯޓުގައި މިއަދު ކުރިއަށް ގެންދިޔަ އަޑުއެހުމުގައި ވަނީ ރައީސް ޔާމީންގެ ފަރާތްޕުޅުން ހުށައަޅާފައިވާ ހެކިންގެ ހެކިބަސް ނަގާފައެވެ.

މިގޮތުން ޒުހޫރު ކޯޓަށް ހާޒިރުކޮށްފައިވަނީ އެ މައްސަލައިގައި ދައުލަތުން ހެއްކެއްގެ ގޮތުގައި ހުށައަޅާފައިވާ އީ.ވައި.ސީގެ ޔައިމުއްޔާއަކާއި ގުޅޭގޮތުންނެވެ. ޒުހޫރު ވިދާޅުވީ އީ.ވައި.ސީއިން ވަކި ގޮތަކަށް ކަމެއް ނިންމައިފިނަމަ އެކަން ފެންނާނެހެން ޔައުމިއްޔާގެ ގޮތުގައި އޮންނަ ލިޔުމެއް އޮންނާނެކަމަށެވެ.

އެޖެންޑާގައި ނުހިމެނޭ އެއްވެސްކަމެއް އެ ކައުންސިލްގެ ބައްދަލުވުމުގައި ނުނިންމާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އެފަދަ މައްސަލައެއް މެމްބަރުންގެ ބޭނުމަށް މަޝްވަރާކުރެވިފައި އޮވެދާނެކަމަށާއި، އާރަށުގެ މައްސަލައާއި ގުޅިގެން ދައުލަތުން ހުށައަޅާފައިވާ ޔައުމިއްޔާއަކީ ސައްހަ ޔައުމިއްޔާއެއް ނޫންކަމަށެވެ.

ދައުލަތުން ހުށައަޅާފައިވާ އެ ކަރުދާސް މިއަދުގެ އަޑުއުހުމުގައި ވަނީ އޭނާ އަށް ދައްކާފައެވެ. އެއީ ސައްހަ ލިޔުމެއް ނޫންކަމަށް ޒުހޫރު ވިދާޅުވީ، އެ ލިޔުން ބެއްލެވުމަށްފަހުގައެވެ.

އެކަން ކަށަވަރުކޮށްދެއްވަމުން ޒުހޫރު ވިދާޅުވީ އީ.ވައި.ސީގެ ޔައުމިއްޔާތަކަކީ ގަވައިދުން ބަލަހައްޓާ ލިޔެކިޔުންތަކެއްކަމަށެވެ. އެގޮތުން ބައްދަލުވުމުގެ ޔައުމިއްޔާތަކުގައި ބައިވެރިވާ ވަޒީރުންގެ ސޮއި ކުރައްވާކަމަށް އޭނާ ވިދާޅުވިއެވެ. އަދި ޔައުމިއްޔާގެ ކޮންމެ ކަރުދާހެއްގައި ބައިވެރިވާ މެމްބަރުންގެ އިނީޝަލް ޖައްސަވާނެކަމަށް އޭނާ ވިދާޅުވިއެވެ.

ކޮންމެ ދުވަހެއްގެ ބައްދަލުވުމުގެ ޔައުމިއްޔާ ޖެހިގެން އަންނަ ޔޫތު ކައުންސިލް ބައްދަލުވުމަށް ގެންނަވާ އެ ޔައުމީތައް ޗެކުރުމަށްފަހު މެމްބަރުން ސޮއިކުރައްވާނެކަމަށް އޭނާ ވިދާޅުވިއެވެ. ޔައުމިއްޔާއަކީ ވަކިން އެއްވެސް މެމްބަރަކަށް ފޮނުއްވާ އެއްޗެއް ނޫންކަމަށާއި، ޔައުމިއްޔާ ކަރުދާސް ކައުންސިލް ބައްދަލުވުންތަކަށް ގެނެސް މެމްބަރުންލައްވާ ސޮއި ކުރުވުމަށްފަހު ފައިލް ކުރާކަމަށް އޭނާ ވިދާޅުވިއެވެ.

ޒުހޫރު މިފަދައިން ވިދާޅުވެފައިވާއިރު، މިއަދު ކޯޓުގައި ހެކިބަސް ދެއްވަމުން އީ.ވައި.ސީގައި އިންނެވި ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދުވެސް ވަނީ ދައުލަތުން ހުށައެޅި ޔައުމިއްޔާއަކީ ސައްހަ ޔައުމިއްޔާއެއް ނޫންކަމަށް ވިދާޅުވެފައެވެ.

ސައީދު ވިދާޅުވީ، އީވައިސީގެ އެޖެންޑާ، އެއް ދުވަސްކުރިން އާއްމު ގޮތެއްގައި ލިބޭނެ ކަމަށާއި އީވައިސީއަށް ހުށަހަޅާ ކަންކަމާއި އީވައިސީން ނިންމާ ނިންމުމެއް ޔައުމިއްޔާއެއްގެ ގޮތުގައި ތައްޔާރުކޮށް، އީވައިސީގައި ބައިވެރިވި ވަޒީރުން ސޮއިކުރާނެ ކަމަށެވެ. ޔައުމިއްޔާ ރައީސުލްޖުމްހޫރިއްޔާ އެންޑޯސް ކުރައްވާ ހިސާބުން އެ ނިންމުމަކަށް ތަންފީޒީ ބާރު ލިބިދޭ ކަމަށާއި އީވައިސީގެ ނިންމުން ރައީސަށް ގެންދަވާނީ އީވައިސީގެ ސެކްރެޓޭރިއޭޓުން ކަމަށްވެސް ސައީދު ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ، އީވައިސީން ކަމެއް ނިންމިޔަސް ރައީސް އެންޑޯސް ނުކުރައްވަނީސް އެ ނިންމުމަށް ތަންފީޒީ ބާރެއް ނުލިބޭ ކަމަށެވެ.

ސައީދު ވިދާޅުވީ، އޭނާ އީވައިސީގައި މަސައްކަތްކުރިއިރު ވ. އާރަށާ ގުޅޭ މުއާމަލާތެއް ހިންގިކަން ހަނދާނުގައި ނެތް ކަމަށެވެ. ނަމަވެސް އާންމު އުސޫލެއްގެ ގޮތުން އީވައިސީއަށް ހުށައެޅޭނީ އިގްތިސާދާއި މާލިއްޔަތާއި ޒުވާނުންނާ ގުޅޭ ބޮޑެތި މައްސަލަތައްކަން ފާހަގަ ކުރައްވައި ސައީދު ވިދާޅުވީ، ފިޝަރީޒުން ޓޫރިޒަމަށް ފަޅު ރަށްރަށް ބަދަލު ކުރުމަކީ އާންމު އުސޫލުން ހުށައެޅޭ ބާވަތުގެ މައްސަލައެއް ނޫން ކަމަށެވެ.

ސައީދު އިތުރަށް ވިދާޅުވީ، އީވައިސީގެ ޔައުމިއްޔާއެއްގައި ވަޒީރުން ސޮއިނުކުރައްވާނަމަ އެއީ ސައްހަ ޔައުމިއްޔާއެއް ނޫން ކަމަށެވެ.

އީވައިސީއާ ގުޅޭ ގޮތުން، ހެކިބަސް ދެއްވަމުން ޒުހޫރުވެސް ވަނީ އީވައިސީއަށް ފަޅު ރަށްރަށް ބަދަލުކުރަން ހުށަހެޅުމަކީ އާއްމު އުސޫލު ނޫން ކަމަށް ވިދާޅުވެފައެވެ. އަދި ވަޒީރުން ސޮއިނުކުރައްވާ ޔައުމިއްޔާ ސައްހަ ނުވާނެ ކަމަށްވެސް ވިދާޅުވިއެވެ.

އާރަށް މައްސަލައިގައި މިއަދު ވަނީ، ރައީސް އޮފީހުގެ ކުރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު މުޖުތާޒްގެ ހެކިބަސްވެސް ނަގައިފައެވެ. އޭނާގެ ހެކިބަސް ނަގައިފައިވަނީ ރައީސް އޮފީހުން ފޮނުވާ ސިޓީތަކާ ގުޅޭ ގޮތުންނެވެ.

މިއަދު ނެގި ތިން ހެކީންނާއެކު ވަނީ އާރަށް މައްސަލައިގައި ޝަފައީ ހެކީންގެ ހެކިބަސް ނަގައި ނިމިފައެވެ. ދެން މި މައްސަލައިގައި އޮންނާނީ ހެއްކާ ގުޅޭ ގޮތުން ވާހަކަ ދެއްކުމެކެވެ. އެ އަޑުއެހުން އަންނަ ބުރާސްފަތި ދުވަހުގެ ހެނދުނު 9:30 ގައި ބޭއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށް އިސް ގާޒީ އަހުމަދު ޝަކީލް ވިދާޅުވިއެވެ.