ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހއ. އަތޮޅަށް ގެސްޓްހައުސް ފައިނޭންސިން ތައާރަފުކޮށްފިއެވެ.
ގެސްޓްހައުސް ފައިނޭންސިން ތައާރަފުކުރުމަށް އިއްޔެ މެންދުރުފަހު ހއ. ފިއްލަދޫގައި ބޭއްވި ރަސްމިއްޔާތުގައި ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގު އިބްރާހީމާއި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ބައިވެރިވެލެއްވިއެވެ.
އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން، ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ ހއ. އަތޮޅުގައި ގެސްޓްހައުސް ފައިނޭންސިން ތައާރަފުކުރުމަކީ އިގުތިސާދީ ކުރިއެރުން އިތުރުކޮށް، ދިވެހިން ހިންގާ ވިޔަފާރިތަކަށް ބާރުވެރިކަން ހޯދައިދިނުމަށް އެ ބޭންކުން ކުރަމުންދާ މަސައްކަތުގެ ރަމްޒެއް ކަމަށެވެ.
ބީއެމްއެލް އިން އިއްޔެ ވަނީ ހއ. އަތޮޅުގެ ހަތް ރަށެއްގައި ސެލްފް ސާވިސް ބޭންކިން އޭޓީއެމް ގާއިމުކޮށް، އެ އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ހިދުމަތް ވެސް ފަށައިފިއެވެ.

