ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހަޖޫ ޖަހާ މަންޒަރު ފެންނަ ކޮންޓެންޓް ބްރޯޑްކާސްޓް ކުރެވުމުން، ރާއްޖެ ޓީވީން އެކަމަށް މައާފަށް އެދިއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ނަޝީދު އަބްދުالله (މޮސްޓާ) އާއި ކުރީގެ ކާނަލް އަހުމަދު ފަޔާޒް އަލީ ރިޒާ (ޕާޕާ ފަޔާޒް) ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހަޖޫ ޖަހައިފައި ވަނީ ރާއްޖެ ޓީވީގެ ”ކާލާ ބައިސާ“ ޕްރޮގްރާމުގައެވެ.
އެގޮތުން ޕާޕާ ވަނީ ރައީސް ޑރ.މުހައްމަދު މުއިއްޒު ނޫސްވެރިޔަކަށް އިންޒާރު ދެއްވި ކަމަށް ތުހުމަތުކޮށް އެއީ ގޮތް ހުސްވުމުން ކުރެއްވި ކަމެއް ކަމަށް ވިދާޅުވެފައެވެ.
”ގޮތް ހުސްވެ، ހަތަރު އުދަރެސް ފެނުޖެހުނީމާ އަތުންފައިން ގޯސް ހަދާނެ. އަސްލު މީނައަކީ އޮޓިސްޓިކް ގޮތެއް ހުންނަ މީހެއްހެން ހީވަނީ އޮޕަރޭޓް ކުރާ ގޮތުން.“ އޭނާ ވިދާޅުވިއެވެ.
އެވާހަކައަށް ބާރު ދެމުން ޕްރޮގްރާމްގެ ދެވަނަ މެހެމާނު، މޮސްޓާ ވިދާޅުވީ، ”އޮޓިސްޓިކް އެކަންޏެއް ނޫން، ޑައުންސިންޑްރޯމް ވެސް ހުންނަހެން ހީވަނީ“ މިހެންނެވެ.
މިކަމަށް ވަރަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވިއިރު، ބްރޯޑްކާސްޓިން ކޮމިޝަނުން ދަނީ މި މައްސަލަ ބަލަމުންނެވެ.
މިކަމާ ގުޅިގެން ރާއްޖެ ޓީވީން މިރޭ ނެރުނު ނޫސް ބަޔާނެއްގައި ބުނީ، އެ ސްޓޭޝަންގެ ”ކާލާ ބައިސާ“ ޕްރޮގްރާާމްގައި މެހެމާނޭއްގެ ގޮތުގައި ބައިވެރިވި ބޭފުޅަކު ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުއަށް ނިސްބަތްކޮށް ”މީނައަކީ އަސްލު އޯޓިސްޓިކް ގޮތެއް ހުންނަހެން ހީވަނީ.“ މި އިބާރާތުން ދެއްކެވި ވާހަކައާ ގުޅިގެން، އެއީ އޯޓިޒަމް ހުންނަ ކުދިންނަށް ނިކަމެތިކަން އަންނަ ގޮތަށް ދެއްކި ވާހަކައެއް ކަމަށް ބައެއް ފަރާތްތަކުން ގަބޫލު ކުރާތީ، ލައިވްކޮށް ދެއްކި ޕްރޮގްރާމްގައި އެ ދެއްކި ވާހަކަތަކާ ގުޅިގެން އޯޓިޒަމް ކުދިންނަށް ނިކަމެތިކަން އަންނަ ކަމަށް އެއްވެސް ބަޔަކު ދެކޭ ކަމަށްވާނަމަ، އެކަމަށް މައާފަށް ކަމަށެވެ.

