ހއ. ކެލާގައި ސަރުކާރުން ތަރައްގީ ކުރުމަށް ނިންމައިފައިވާ ”ރަށްވެހި އާސާރު“ގެ މަޝްރޫއު ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) އާ ހަވާލުކޮށްފިއެވެ.
ހެރިޓޭޖް މިނިސްޓްރީން އެ މަސައްކަތް އެ ކުންފުންނާ ހަވާލުކުރީ ރޭ ބޭއްވި ރަސްމިއްޔާތެއްގައެވެ.
އެގޮތުން މަސައްކަތުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު އާދަމް ނަސީރު އިބްރާހީމެވެ. އެއްބަސްވުމުގައި އާރްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރެވެ.
ހެރިޓޭޖް މިނިސްޓްރީން ބުނީ އެ މަސައްކަތް ނިމިގެން ދާނީ ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާން ކުރައްވާފައިވާ ތަރިކައިން އާމްދަނީ ހޯދުމުގެ ސިޔާސަތާއި، ފަތުރުވެރިކަން ސިންދަފާތުކުރުމާއި، ނެޝަނަލް އައިޑެންޓިޓީގެ އަސްލުތަކާ އެއްގޮތަށް ކަމަށެވެ.
ހެރިޓޭޖް މިނިސްޓްރީން ވަނީ އދ.ހަންޏާމީދޫގައި ހުންނަ ކަލާފާނު ޒިޔާރަތް އާބާތުރަފިލުވައި ތަރައްގީކުރުމުގެ މަޝްރޫއު ވެސް އާރްޑީސީއާ ހަވާލުކޮށްފައެވެ. މި މަޝްރޫއު އެ ކުންފުންޏާއި ހަވާލު ކުރީ މި މަހުގެ 10 ވަނަ ދުވަހުއެވެ.

