ކޮރަޕްޝަންގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރ މުހައްމަދު ޝަމްއާން, ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ކުރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފިއެވެ.
ޝަމްއާން ހައްޔަރު ކުރީ އިމިގްރޭޝަންގެ ބައެއް މުވައްޒަފުން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ބިދޭސީންގެ އަތުން ނާޖާއިޒު މަންފާ ހޯދަމުން އަންނަކަމުގެ ތުހުމަތުގައެވެ.
ފުލުހުން ބުނީ، ޝަމްއާންގެ ބަންދުގެ މުއްދަތު އިތުރު ކުރަން މިއަދު ކޯޓަށް ހާޒިރު ކުރުމުން ޝަރީއަތް ނިމެންދެން އޭނާ ބަންދު ކުރަން ފުލުހުންގެ މައްޗަށް އަމުރު ކޮށްފައިވާ ކަމަށެވެ.
ފުލުހުން ބުނެފައި ވަނީ، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ބިދޭސީންގެ އަތުން ނާޖާއިޒް މަންފާ ހޯދި މައްސަލައިގައި، ބިދޭސީއެއްގެ އަތުން ފައިސާ ހޯދީ ސައްހަ ލިޔެކިޔުން އޮތް ބިދޭސީންތަކެއް ހައްޔަރުކުރުމަށް ފަހު ކަމަށެވެ.
ބިދޭސީން އަތުން ނާޖައިޒު މަންފާ ހޯދުމުގެ ތުހުމަތުގައި ޝަމްއާން ހައްޔަރު ކުރީގެ މިދިޔަ މަހުގެ 21 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ.
އޭނާގެ ބަންދާމެދު ގޮތް ނިންމަން ކޯޓަށް ހާޒިރު ކުރުމުން 15 ދުވަހުގެ ބަންދުގެ މުއްދަތު ޖެހުމުން، އެ މުއްދަތު ހަމަވެ، ކޯޓަށް ހާޒިރު ކުރުމުން ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

