ރާއްޖޭގެ 18 ރަށެއްގެ ސްކޫލުތަކުގައި ނުނިމިހުރި މަސައްކަތްތައް ނިންމުމަށް މިއަދު ތިން ކުންފުންޏަކާ ހަވާލުކޮށްފިއެވެ.
އެގޮތުން މި މަސައްކަތް ނިންމުމަށް ހަވާލުކުރީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާއި، ފެނަކަ ކޯޕަރޭޝަނާއި، ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާއެވެ.
މި ކުންފުނިތަކާ މަސައްކަތް ހަވާލުކުރުމަށް އެޑިއުކޭޝަން މިނިސްޓްރީގައި މިއަދު ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވައިފައެވެ.
މި ރަސްމިއްޔާތުގައި، އެ މިނިސްޓްރީގެ ފަރާތުން އެއްބަސްވުންތަކުގައި ސޮއިކުރެއްވީ، ތަޢުލީމީ ވަޒީރު ޑރ. އިސްމާއީލް ޝަފީއުއެވެ.
އަދި ފެނަކަ ކޯޕަރޭޝަންގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މޭޖަރ ރިޓަޔަރޑް މުހައްމަދު ނަޖާޙްއެވެ.
އާރުޑީސީގެ ފަރާތުން އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ބްރިގޭޑިއަރ ޖެނެރަލް ރިޓަޔަރޑް އަލީ ޒުހައިރު ސޮއިކޮށްފައިވާއިރު، އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ރިޓަޔަރޑް ޑީސީޕީ އަހްމަދު ސައުދީއެވެ.
މި އެއްބަސްވުމުގެ ދަށުން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އާރުޑީސީއާ ވަނީ ދެ ރަށެއްގެ ސްކޫލުގައި ނުނިމިހުރި މަސައްކަތްތައް ނިންމުމަށް ހަވާލުކޮށްފައެވެ.
އެގޮތުން، އާރުޑީސީއާ ހަވާލުކޮށްފައިވަނީ އއ. މާޅޮހާއި، އދ. ފެންފުށި ސްކޫލުގައި ނުނިމި ހުރި މަސައްކަތްތައް ނިންމުމަށެވެ.
މީގެ އިތުރުން، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީ އަށް 15 ރަށެއްގެ ސްކޫލުތަކުގެ މަސައްކަތް ނިންނުމަށް ހަވާލުކޮށްފައިވާއިރު، ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފައިވަނީ މ. މޭވަށު ސްކޫލްގެ ނުނިމި ހުރި މަސައްކަތްތައް ކުރުމަށެވެ.
މަސައްކަތް ނިންމުމަށް އެމްޓީސީސީއާ ހަވާލުކުރެވިފައިވާ ރަށްތައް:
- ހއ. މޮޅަދޫ
- ހދ. ނޮޅިވަރަންފަރު
- ހދ. ނޭކުރެންދޫ
- ށ. ބިލެތްފަހި
- ރ. އިންނަމާދޫ
- ރ. ދުވާފަރު
- ބ. ކުޑަރިކިލު
- އއ. މަތިވެރި
- ތ. ގާދިއްފުށި
- ގދ. ވާދޫ
- ހއ. މާރަންދޫ
- ކ. ގުޅި
- ތ. މަޑިފުށި
- ހދ. ނައިވާދޫ
- ލ. މާވަށް
މި މަޝްރޫއުތަކަށް 114.9 މިލިއަން ރުފިޔާ ހޭދަވާނެ ކަމަށް އެޑިއުކޭޝަނުން ބުނެއެވެ.

