ރާއްޖޭގެ 18 ރަށެއްގައި ބެޓެރީ ސްޓޯރޭޖް ސިސްޓަމް ބެހެއްޓުމަށް ޗައިނާގެ ތިން ކުންފުންޏަކާ ހަވާލުކޮށްފިއެވެ.

އެންވަޔަރަމަންޓް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ މަސައްކަތްތައް ހަވާލުކޮށްފައިވަނީ ޗައިނާގެ ޝިޖިއާޒުއާންގް ކެލިން އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑާއި ގައުޑިއަން ނަންޖިން އޮޓޮމޭޝަން ކޯ ލިމިޓެޑް އަދި ސިނޯ ސޯއާ ހައިބްރިޑް (ބެއިޖިން) ޓެކްނޮލޮޖީ ކޯ ލިމިޓެޑާއެވެ.

އެއްބަސްވުންތަކުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ތޯރިގު އިބްރާހީމެވެ.

އެ މަޝްރޫއުއަކީ އެކްސަލަރޭޓިން ސަސްޓެއިނަބަލް ސިސްޓަމް ޑިވެލޮޕްމަންޓް ޔޫސިން ރިނިއުބަލް އެނާޖީ (އެޝުއާ) ޕްރޮޖެކްޓުގެ ދަށުން ރާއްޖޭގެ މީހުން ދިރިއުޅޭ 18 ރަށެއްގައި އެނާޖީ މެނޭޖްމަންޓް ސިސްޓަމްސް (އީއެމްއެސް) އާއެކު 38 މެގަވޮޓް އަވާގެ ބެޓެރީ އެނާޖީ ސްޓޯރޭޖު ސިސްޓަމް (ބެސް) ގާއިމުކުރުމުގެ މަޝްރޫއުއެކެވެ.

ބެޓެރީ ސްޓޯރެޖް ސިސްޓަމް ބަހައްޓާނެ ބައެއް ރަށްތައް:

  • ހދ. ހަނިމާދޫ – 2000 ކިލޯވޮޓް އަވާ
  • ށ. މިލަންދޫ – 2500 ކިލޯވޮޓް އަވާ
  • ނ. ހޮޅުދޫ – 1500 ކިލޯވޮޓް އަވާ
  • ނ. މަނަދޫ – 3000 ކިލޯވޮޓް އަވާ
  • ނ. ވެލިދޫ – 3000 ކިލޯވޮޓް އަވާ
  • ރ. އަލިފުށި – 2000 ކިލޯވޮޓް އަވާ
  • ރ. ހުޅުދުއްފާރު – 1500 ކިލޯވޮޓް އަވާ
  • ބ. ދަރަވަންދޫ – 2500 ކިލޯވޮޓް އަވާ
  • ބ. ތުޅާދޫ – 3000 ކިލޯވޮޓް އަވާ
  • މ. މުލައް – 2000 ކިލޯވޮޓް އަވާ
  • މ. މުލީ – 2000 ކިލޯވޮޓް އަވާ
  • މ. ވޭވައް – 500 ކިލޯވޮޓް އަވާ
  • މ. ރަތްމަންދޫ – 500 ކިލޯވޮޓް އަވާ
  • ތ. ގުރައިދޫ – 2500 ކިލޯވޮޓް އަވާ

 

އެންވަޔަރަމަންޓް މިނިސްޓްރީން މިއަދު ބުނީ އެ މަޝްރޫއުގެ މައިގަނޑު މަގުސަދަކީ އިއާދަކުރަނިވި ހަކަތައިން އުފައްދާ ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުކުރުމާއި، ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކަނޑައަޅުއްވާފައިވާ ލަނޑުދަނޑި ކަމަށްވާ 2028 ވަނަ އަހަރުގެ ނިޔަލަށް ރާއްޖެއަށް ބޭނުންވާ ކަރަންޓުގެ 33 އިންސައްތަ އިއާދަކުރަނިވި ހަކަތައިން އުފައްދާ ކަރަންޓު ކަމުގައި ހެދުން ކަމަށެވެ.