ނ. ހޮޅުދޫގައި ޒަހަމްތަކަކާ އެކު މަރުވެފައި އޮއްވާ ފެނުނު އެ ރަށު ޒަކިއްޔާ މޫސާގެ ހަށިގަނޑުގެ ވާޗުއަލް އޮޓޮޕްސީއެއް ހަދައިފިއެވެ.
އެ ރަށު، މާރަނގަގެ، އުމުރުން 50 އަހަރުގެ ޒަކިއްޔާ މަރުވެފައި އޮއްވާ ފެނުނީ، މިދިޔަ ސެޕްޓެމްބަރުމަހުގައެވެ.
އެނގިފައިވާ ގޮތުގައި ފުލުހުންގެ ޓީމެއް މިދިޔަ ހަފުތާ އިންޑިއާއަށް ގޮސް، ސީޓީ ސްކޭނާއި އެމްއާރުއައި ބޭނުންކޮށްގެން ޒަކިއްޔާގެ ހަށިގަނޑުގެ ތްރީޑީ މޮޑެލެއް ތައްޔާރުކޮށް ވާޗުއަލް އޮޓޮޕްސީއެއް ވަނީ ހަދައިފައެވެ.
މިކަމުގެ އިތުރު ތަފްސީލެއް ލިބިފައެއް ނުވެއެވެ.
ޒަކިއްޔާގެ މަރުގެ މައްސަލައިގެ ތަހުގީގުގައި، އެމެރިކާގެ ތަހުގީގީ އިދާރާ އެފްބީއައި ވެސް ވަނީ ބައިވެރިކޮށްފައެވެ.
ޒަކިއްޔާގެ މަރުގައި ޝައްކު ކުރެވޭ ކަންތައްތަކެއް ހުރިކަން ފާހަގަކޮށް، އެކަންކަން ބެލުމަށް ގޮވައިލައި، ހޮޅުދޫގެ ރައްޔިތުން މުޒާހަރާތައް ބާއްވައިފައިވެއެވެ.
ޒަކިއްޔާ މަރުވެފައި އޮއްވާ ފެނުނު ބައެއް މީހުން ބުނެފައިވަނީ އޭނާގެ ކަރު އޮތީ ބުރިކޮށްލާފައި ކަމަށެވެ.
އަދި އޭނާގެ ހަށިގަނޑާއި ކަރު ވަކިނުވެ އޮތީ ހަމަ ކިރިޔާ ކަމަށެވެ.
އަދި މީހަކު އަމިއްލަ އަށް އޭނާގެ ހަށިގަނޑަށް އެ ވަރުގެ އަނިޔާއެއް ދެވޭނެތޯ ގިނަ މީހުން ސުވާލު އުފެއްދިއެވެ.

