މާފަރު އިންޓަނޭޝަނަލް އެއާޕޯޓްގެ ޓާމިނަލް ބޮޑުކުރަން އަނެއްކާ ވެސް އިއުލާނުކޮށްފިއެވެ.

މާފަރު އިންޓަނޭޝަނަލް އެއާޕޯޓް ހިންގާ އައިލެންޑް އޭވިއޭޝަން ސާވިސަސްއިން މިއަދު ކުރި އިއުލާނެއްގައި ވަނީ އެ އެއާޕޯޓްގެ ޓާމިނަލް ބޮޑުކޮށްދޭނެ ފަރާތެއް ހޯދަން އިއުލާންކޮށްފައެވެ.

އެގޮތުން ކޮންޓްރެކްޓާ ފައިނޭންސިންގެ އުސޫލުން އެއާޕޯޓްގެ ޓާމިނަލް ބޮޑުކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 17 ވަނަ ދުވަހާ ހަމައަށް ވަނީ ހުޅުވާލައިފައެވެ.

މިހާރުވެސް އެމްޓީސީސީން ދަނީ މާފަރު އެއާޕޯޓްގެ އޭޕްރަން ބޮޑުކުރުމުގެ މަސައްްކަތް ކުރަމުންނެވެ.

އަބޫދާބީ ފަންޑުން ހިލޭ އެހީއެއްގެ ގޮތުގައި 60 މިލިއަން ޑޮލަރު ހޭދަކޮށްގެން މާފަރު އެއަރޕޯޓް ތަރައްގީ ކޮށްފައިވަނީ ދުނިޔޭގެ އެންމެ ބޮޑެތި މަތިންދާ ބޯޓްތައް ކަމަށްވާ އެއާބަސް އޭ 320 އާއި ބޮއިން 737 މަރުކާގެ ބޯޓު ފަހަރު ޖެއްސޭ ފެންވަރަށް 2،200 މީޓަރު ދިގު އަދި 40 މީޓަރު ފުޅާ ރަންވޭއަކާއި އެކުގައެވެ.

މާފަރު އިންޓަރނޭޝަނަލް އެއާޕޯޓުގެ ޓާމިނަލް ބޮޑުކޮށްދޭނެ ބަޔަކު ހޯދަން އިއުލާނު ކުރިއިރު، އަބޫދާބީ ފަންޑުގެ އެހީއާއެކު ތަރައްގީކުރި މާފަރު އެއާޕޯޓު ބޮޑުކޮށް ނިމުމުން، އެ އެއާޕޯޓުގައި ބޮއިންގް 777 ޓްވިން ޖެޓް ޖެއްސޭނެއެވެ.

އެ އެއާޕޯޓުގެ ހިދުމަތް ދޭން ފެށީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުއެވެ.

އައިލެންޑް އެވިއޭޝަނުން ވަނީ 2021 ވަނަ އަހަރާއި 2023 ގައި ވެސް މާފަރު އެއާޕޯޓުގެ ޓާމިނަލް ބޮޑުކޮށްދޭނެ ބަޔަކު ހޯދަން އިއުލާންކޮށްފައެވެ.