ކްރިސްޓިއަނުންގެ އެންމެ އިސް ފާދިރީ، ޕޯޕް ފްރާންސިސް މަރުވުމުން، ގައުމީ އެއާލައިން ހިންގާ އައިލެންޑް އޭވިއޭޝަން ސާވިސް (އައިއޭއެސް) ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ކުރިން ހުރި އައިޝަތު ޖެނިފާ އޭނާއަށް ހެޔޮ ދުއާ ކޮށްދީފިއެވެ.
ޣައިރު މުސްލިމަކު މަރުވުމުން، އެމީހަކަށް ހެޔޮ ދުއާ ކުރުމަކީ މުސްލިމުންނަށް ހުއްދަ ކަމެއް ނޫނެވެ. މިކަމާ ގުޅޭގޮތުން ޝެއިޚު އާސިމް އަލް ޙަކީމް ވިދާޅުވެފައިވަނީ، މަރުވެފައިވާ މައިންބަފައިންނަކީ ވެސް ކާފިރުން ކަމުގައިވާނަމަ، ތިބާ އަށް އެމީހުންގެ މައްޗަށް ވެސް ހެޔޮ ދުއާ ނުކުރެވޭނޭ ކަމަށެވެ.

ފާދިރީއެއް ކަމުގައިވާ ޕޯޕްއަށް ޖެނިފާ ހެޔޮ ދުއާކޮށްދިނުމުން، ގިނަ ބަޔަކު ވަނީ އޭނާ އަށް ފާޑު ކިޔައިފައެވެ.
ކްރިސްޓިއަނުންގެ އެންމެ އިސް ފާދިރީ ޕޯޕް ފްރާންސިސް އުމުރުން 88 ގައި މަރުވެފައިވަނީ ފުއްޕާމޭގެ ބައްޔެއްގައި 2 ހަފްތާ ވަންދެން ހޮސްޕިޓަލުގައި ފަރުވާދެމުންދަނިކޮށް، މިއަދު ހެނދުނުއެވެ.
ފްރެންސިސް އަކީ ކްރިސްޓިއަނުންގެ އެންމެ އިސް ފާދިރީގެ މަގާމަށް 266 ވަނަ އަށް އިސްކުރި މީހެކެވެ.

