ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ޗީފް ފައިނޭންޝަލް އޮފިސަރުން (ސީއެފްއޯ) އާއި ޗީފް އިންޓާނަލް އޮޑިޓަރުން (ސީއައިއޭ) އައްޔަނުކުރުމުގައި ލުއިތަކެއްދީ، އައު އުސޫލެއް އާންމުކޮށްފިއެވެ.
ސީއެފްއޯއަކީ ކުންފުނީގެ މާލީ ކަންކަން ބެލެހެއްޓުމުގެ ޒިންމާ އުފުލަންޖެހޭ ފަރާތެކެވެ.
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން (ޕީސީބީ)ން ބުނީ، އައު އުސޫލެއް އެކުލަވައިލީ ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ސީއެފްއޯ އަދި ސީއައިއޭ އައްޔަނުކުރުމާއި ވަކިކުރުމުގައި އަމަލުކުރާނެ ގޮތުގެ އަސާސީ އުސޫލުތައް ކަނޑައެޅުމަށް ކަމަށެވެ.
އަދި އެއީ އެ މަގާމުތަކަށް މީހުން ހޯދުމުގައި ދިމާވާ ދަތިތަކަށް ރިއާޔަތްކޮށް ގެނައި ބަދަލެއް ކަމަށާއި މަގުސަދަކީ ވީހާވެސް ގިނަ މީހުން އެ މަގާމުތަކަށް ކުރިމަތިލެވޭނެ ފުރުސަތު ތަނަވަސްކޮށްދިނުން ކަމަށެވެ.
އެ މީހުންނަކީ ކުންފުންޏާއި ކުންފުނީގެ ހިއްސާދާރުންނާއި މަސްލަހަތުވެރިންނަށް ޖަވާބުދާރީވެވޭނެ ޒިންމާދާރު، ތައުލީމީ، ތަޖުރިބާހުރި މީހުންކަމުގައި ހެދުމުގެ ބޭނުމުގައި ކަމަށް އެ ބޯޑުން ބުންޏެވެ.
އައު އުސޫލުގައިވާ ބުނެފައިވާ ގޮތުގައި މި އުސޫލު ހިނގާނީ ދިވެހި ސަރުކާރުގެ ސައްތައިންސައްތަ ހިއްސާވާ ކުންފުނިތަކަށެވެ. އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން ލިސްޓެޑް ކުންފުނިތަކަށާއި، ސަރުކާރު މެޖޯރިޓީ ހިއްސާވާ ކުންފުނިތަކަށާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން ލިސްޓުނުކުރާ ކުންފުނިތަކަށެވެ.
ސީއެފްއޯ ރިޕޯޓުކުރަން ޖެހޭނީ ހަމައެކަނި ކުންފުނީގެ ބޯޑަށާއި މެނޭޖިން ޑިރެކްޓަރަށް ކަމަށް ވެސް އުސޫލުގައިވެއެވެ.

