ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ކުރީގެ މުވައްޒަފަކު އެ ކުންފުނީގެ ނަމުގައި އޮޅުވާލައިގެން ބިމެއް ވިއްކަން އުޅުނު މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން(އޭސީސީ)އިން ތަހުގީގުކޮށް ދައުވާކުރަން ޕީޖީ އޮފީހަށް ހުށަހަޅައިފިއެވެ.
އޭސީސީން ޝާއިއުކުރި ޚަބަރެއްގައިވާ ގޮތުން އެ މައްސަލައިގައި ދައުވާކުރަން ފޮނުވީ އެޗްޑީސީގެ އެސްޓޭޓް އޮފިސަރގެ މަގާމުގައި ކުރިންހުރި ކ.މާލެ، މ.ސީވިންޑް، ފުތިހަ ޝާކިރުގެ މައްޗަށެވެ.
އެޗްޑީސީން ބުނީ 2022 ވަނަ އަހަރު ޝާކިރު އެޗްޑީސީގެ ނަމުގައި ހުޅުމާލެ ދެވަނަ ފިޔަވަހިން 2,600 އަކަފޫޓުގެ ބިމެއް ވިއްކާނެކަމަށް ބުނެ، އެ ކުންފުނީގެ ނަމުގައި ސައްހަ ނޫން ޕޭމަންޓް ސްލިޕްތަކެއް ތައްޔާރުކޮށް، ޖުމްލަ 550،000 ރުފިޔާ އަމިއްލަ މީހެއްގެ އަތުން ހޯދާފައިވާކަން ތަހުގީގުން ހޯދިފައިވާ ކަމަށެވެ.
އެހެންވެ، ޝާކިރުގެ މައްޗަށް ކޮށްދޭން އެދިފައިވަނީ ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކޮށްގެން ނާޖާއިޒު މަންފާ ހޯދުމުގެ ކުށުގެ ދައުވާއެވެ.
އަދި ބިން ވިއްކާނެކަމަށް ބުނެ ޝާކިރު އޮޅުވާލައިގެން ނެގި ފައިސާ ރުފިޔާ ވެސް ދައުވާގެ ތެރެއިން ނަގައިދިނުމަށް ވެސް އޭސީސީން އެދިފައި ވެއެވެ.

