ސަރުކާރުން 57 ރަށެއްގައި ހައުސިން ޔުނިޓުތައް އިމާރާތްކޮށްދޭނެ ބަޔަކު ހޯދުމަށް އިއުލާންކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން މިއަދު ވަކިވަކިން ކުރި އިއުލާނުތަކެއްގައި ބުނީ ޑިޒައިން އެންޑް ބިލްޑް އުސޫލުން އެ މަސައްކަތްތައް ކޮށްދޭނެ ފަރާތްތައް ހޯދުމަށް ބޭނުންވާ ކަމަށާއި އެ މަސައްކަތްތަކަށް ޕްރީކޮލިފައިވުމަށް ކުރިމަތިލުމުގެ ފުރުސަތު އެކަމަށް ޝަރުތު ހަމަވާ ފަރާތްތަކަށް ހުޅުވާލާ ކަމަށެވެ.

އެ ބީލަން ކުރިއަށްދާނީ ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ ”އިމާރާތްކުރުމުގެ އަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ގަވާއިދު“ އާއި ފިނޭންސް އެންޑް ޕްލޭނިންގެ ”ނޭޝަނަލް ޓެންޑަރުން ކުރިއަށްގެންދާ އިމާރާތްކުރުމުގެ މަސައްކަތްތައް އެވޯޑް ކުރެވޭނެ އަދަދު ކަނޑައަޅާނެ ގޮތުގެ އުސޫލު“ އަދި އިކޮނޮމިކް މިނިސްޓްރީގެ ”ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް ޕޮލިސީ“ގެ ދަށުން ކަމަށް ފިނޭންސުން ބުންޏެވެ.

ހައުސިން ޔުނިޓު އިމާރާތްކުރަން ބޭނުންވާ ބައެއް ރަށްރަށާއި އަދަދުތައް:

އައްޑޫ ސިޓީ ހުޅުދޫގައި 100 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް

ހދ. ނެއްލައިދޫގައި 60 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް

މ. ދިއްގަރުގައި 75 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް

ހއ. އިހަވަންދޫގައި 200 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް

ހދ. މަކުނުދޫގައި 100 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް

ނ. ކެނދިކުޅުދޫގައި 100 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް

ރ. މަޑުއްވަރީގައި 100 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް

ރ. އިނގުރައިދޫގައި 100 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް

 

ފިނޭންސުން ބުނީ އެ މަސައްކަތަށް ޝަރުތު ހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިއަށްގެންދެވޭނީ އިންޓަނޭޝަނަލް ކޮމްޕެޓިޓިވް ބިޑިން (އައިސީބީ) އުސޫލުން ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށާއި އެކަމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތަކާއި އިވެލުއޭޓްކުރެވޭ ކްރައިޓީރިއާ އަދި ފައިނޭންސިން މޮޑަލްސްތައް ޕްރީކޮލިފިކޭޝަން ޑޮކިއުމަންޓުގައި ބަޔާންކުރެވިފައިވާނެ ކަމަށެވެ.

އެ ޕްރީކޮލިފިކޭޝަނުގައި ބައިވެރިވުމަށް  1,500 ރުފިޔާގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަންޖެހޭނެ ކަމަށާއި ފައިސާ ބަލައިގަންނާނީ މިނިސްޓްރީގެ އޮންލައިން ޕޭމަންޓް ޕޯޓަލް، ބަނޑޭރި ޕޭ  (https://bandeyripay.finance.gov.mv) މެދުވެރިކޮށް ކަމަށެވެ.

އަދި ފައިސާ ދެއްކުމަށްފަހު، ބީލަމަށް ރަޖިސްޓްރީވުމަށް އެދޭ ފަރާތުގެ ނަމާއި އެޑްރެސް، ގުޅޭނެ ނަންބަރާއި އީ-މެއިލް އެޑްރެސް އަދި ފައިސާ ދެއްކި ރަސީދުގެ ކޮޕީ އީމެއިލް ކުރަން ޖެހޭނެ ކަމަށް ފިނޭންސުން ބުންޏެވެ.

ފިނޭންސުން ބުނީ އެ މަސައްކަތުގެ ޕްރީކޮލިފިކޭޝަނާ ބެހޭ ލިޔެކިޔުންތައް ސޮފްޓްކޮޕީ ފޯމެޓުގައި މިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެ ކަމަށާއި އެ ޕްރީކޮލިފިކޭޝަނާ ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މައުލޫމާތުތައް ވެބްސައިޓް މެދުވެރިކޮށް ހޯދުމަކީ ޕްރީކޮލިފިކޭޝަނަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެއް ކަމަށެވެ.

އެ ޕްރޮޖެކްޓުގެ ޕްރީކޮލިފިކޭޝަނާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރަން ޖެހެނީ tender@finance.gov.mv އަށެވެ.

ފިނޭންސުން ބުނީ ޕްރީކޮލިފިކޭޝަން އެޕްލިކޭޝަން ހުށަހަޅަންޖެހެނީ ބީލަން ޕޯޓަލް މެދިވެރިކޮށް ކަމަށާއި ބީލަން ޕޯޓަލް މެދުވެރިކޮށް ޕްރީކޮލިފިކޭޝަން އެޕްލިކޭޝަން ހުށަހެޅޭނީ ބީލަން ޕޯޓަލަށް ރަޖިސްޓަރީވާ ފަރާތްތަކަށް ކަމަށެވެ.

އަދި އެ މަސައްކަތަށް ބިޑު ހުށަހެޅުމަށް ހަމަޖެހިފައިވާ ތާރީހުގެ މަދުވެގެން ތިން ދުވަސް ކުރިން ބީލަން ޕޯޓަލް ރަޖިސްޓަރޭޝަން ފުރިހަމަ ކުރަންވާނެ ކަމަށެވެ.

ބީލަން ޕޯޓަލް މެދުވެރިކޮށް ބިޑު ހުށަހެޅުމުގައި އަމަލުކުރަން ޖެހޭ ގޮތުގެ ގައިޑެއް ބީލަން ޕޯޓަލް އިން (https://beelan.finance.gov.mv/) ލިބެން ހުންނާނެ ކަމަށާއި އަދި އެ ގައިޑްގައިވާ މައުލޫމާތާ އެއްގޮތަށް ބިޑު ހުށަހެޅުމުގެ އެންމެހައި ކަންކަން ފުރިހަމަ ކުރުމަކީ ބިޑު ހުށަހަޅާ ފަރާތުގެ ޒިންމާއެއް ކަމަށެވެ. އަދި ބީލަން ޕޯޓަލް މެދުވެރިކޮށް ހުށަހަޅާ ބިޑު ފިޔަވައި އެހެން އެއްވެސް ބިޑެއް ބަލައެއް ނުގަނެވޭނެ ކަމަށް ފިނޭންސުން ބުންޏެވެ.