މާލޭގައި މިރޭ ކުރިއަށް ގެންދާ މުޒާހަރާއެއްގައި ފުލުހުންގެ ވާޖިބަށް ހުރަސް އެޅި ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
މާލޭގެ ހ.ފެންޓެނޯއީ ގޭގެ 9 ވަނަ ފަންގިފިލާއިން، ހ.މިޓާޒް ގޭގެ ގުދަނެއްގެ ފުރާޅުމައްޗަށް ވެއްޓުނު އުމުރުން 21 އަހަރުގެ ހައްވާ ޔުމްނު ރަޝީދަށް އިންސާފު ހޯދައިދިނުމަށް ގޮވައިލާ ސިލްސިލާކޮށް އަންނަނީ މަޖީދީ މަގުގައި މުޒާހަރާ ކުރަމުންނެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު ”އަސުރު އޮންލައިން“ އަށް ވިދާޅުވީ، މިރޭގެ މުޒާހަރާގެ ތެރެއިން އަންހެނަކާ ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ، ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ، ވާޖިބަށް ހުރަސްއެޅިކަމުގެ ތުހުމަތުގައި ކަމަށެވެ.
ފުލުހުން ފަހުން ބުނީ، މާލޭގައި ކުރިއަށް ގެންދިޔަ އިހުތިޖާޖާ ގުޅިގެން، ބަގީޗާގެ / ނ.ކުޑަފަރި، އަބްދުﷲ މަހްޒޫމް މާޖިދު (28އ) އާއި މ. ހަސްތީ / މާލެ، އާއިޝަތު ޝިމަން އަހުމަދު (19އ) ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ކަމަށެވެ.
އަބްދުﷲ މަހުޒޫމް މާޖިދު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ފުލުހުންގެ ވާޖިބު އަދާކުރުމަށް ހުރަސްއަޅައި އަމުރަށް ނުކިޔަމަންތެރިވެ ފުލުހަކަށް ހަމަލާދޭން މަސައްކަތް ކުރި ކަމުގެ ތުހުމަތުގައެވެ.
އަދި ޝިމަން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ ވާޖިބަށް ހުރަސްއެޅިކަމުގެ ތުހުމަތުގައެވެ.
ޔުމްނު އަށް އިންސާފު ހޯދައިދިނުމަށް ގޮވާލައި ސިލްސިލާ އެއްވުންތަކެއް ބާއްވަމުން އަންނައިރު، މިރޭގެ އެއްވުމުގެ ބައިވެރިން ވަނީ ”ސަރުކާރު ވެއްޓިދާނެ“ ކަމަށް ބުނެ، ރައީސް ޑރ.މުހައްމަދު މުއިއްޒުގެ އިސްތިއުފާ އަށް ވެސް ގޮވައިލައިފައެވެ.
މުޒާހަރާގެ ބައިވެރިން ލަވަ ޖަހައި، ނަށައި، ހުތުރު ބައެއް ބަސްތައް ބޭނުންކޮށް، ކުޅިވަރު ކުޅެމުންދާތީ، އެއްވުންތަކުގެ މަގްސަދާމެދުގައި ބައެއް މީހުން އަންނަނީ ސުވާލު އުފައްދަމުންނެވެ.
ޔުމްނު ވެއްޓުނު މައްސަލަ ބެލުމަށް ހާއްސަ ކޮމިޝަނެއް ރައީސުލްޖުމްހޫރިއްޔާ އުފައްދައިފައިވާއިރު، އެ ކޮމިޝަނުން ވަނީ އެއްވެސް ނުފޫޒެއް ނެތި، މައްސަލަ ބަލާނެ ކަމުގެ ޔަގީންކަން އަރުވައިފައެވެ.
ދިވެހި ފުލުހުންގެ ހިދުމަތުގެ އެންފޯސްމަންޓް ޓީމްތައް މާލޭގެ އެކި ސަރަހައްދުތަކުގައި ހަރަކާތްތެރިވަމުންދާ ކަމަށް ފުލުހުން މިރޭ ބުނެފައިވެއެވެ.
ފުލުހުން ބުނީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އެންފޯސްމަންޓް ޓީމް ތައް މާލޭގެ އެކި ސަރަހައްދު ތަކުގައި ހަރަކާތްތެރިވަމުންދާ ކަމަށެވެ.
އަދި މި މަގުން ކުރެވޭ މަސައްކަތުން ރައްކާތެރިކަމުގެ އިހުސާސް ރައްޔިތުންނަށް ކުރެވުން އެއީ ފުލުހުންގެ މަސައްކަތުގެ އަމާޒު ކަމަށް ވެސް ވަނީ ބުނެފައެވެ.
މި އެއްވުމުގެ އިތުރުން، ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރ، ޝަމްއާން މިނިވަން ކުރުމަށާއި، ވާނުވާ ބަންދުގައި ތިބި މީހުން މިނިވަން ކުރުމަށް ގޮވައިލާ ވެސް މިރޭ އަޑު އުފުލައިފައިވެއެވެ.

