މާލޭގެ ގެއެއްގެ ފުރާޅުމައްޗަށް ވެއްޓުނު އުމުރުން 21 އަހަރުގެ ޒުވާނާއަށް އިންސާފު ހޯދައިދިނުމަށް ގޮވައިލައި ކުރިއަށް ގެންދިޔަ މުޒާހަރާ، އާންމު ރައްޔިތުންގެ ދިރިއުޅުމަށާއި ދަރިވަރުންގެ ތައުލީމީ މަސްލަހަތަށް ރިއާޔަތްކޮށް، ގާނޫނީ އިންޒާރުތަކަށްފަހު ރޫޅާލާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

މިދިޔަ މަހުގެ 18 ވަނަ ދުވަހު، މާލޭގެ ގެއެއްގެ ފުރާޅުމައްޗަށް ވެއްޓުނީ ހައްވާ ޔުމްނު ރަޝީދެވެ. އޭނާ އަށް އިންސާފު ހޯދައިދޭން ގޮވައިލައި، މަޖީދީ މަގު ބަންދުކޮށް ކުރިއަށް ގެންދާ މުޒާހަރާ ރޫޅައިލުމާ ގުޅޭގޮތުން ފުލުހުން މިރޭ ބުނީ، މަޖީދީ މަގުގައި ދުއްވާ އުޅަނދުފަހަރަށް މަގު ބަންދުވާ ގޮތަށް ޒުވާނުން ކުރަމުންދާ އިހުތިޖާޖުގެ ސަބަބުން އާއްމު ރައްޔިތުންނަށާއި، ވިޔަފާރިތަކަށް ވެސް ނޭދެވޭ އަސަރު ކުރަމުންދާކަމުގެ ޝަކުވާތައް ފުލުހުންނަށް ލިބެމުންދާ ކަމަށެވެ.

މަޖީދީ މަގު ފަދަ މުހިންމު މަގެއް، ދަތުރުފަތުރަށް ބަންދުވާގޮތަށް، މިއުޒިކް ކުޅެ، ޓޭބަލް ޓެނިހާއި، ކެރަމް ވެސް ކުޅެމުންދާކަން ފާހަގަކޮށް ފުލުހުން ބުނީ، މިއީ އާއްމު މަސްލަހަތާ ފުށުއަރާ ކަންކަން ކަމުގައި ވުމުން، އެކަންކަން އެގޮތަށް ނުކުރުމަށް ތަކުރާރުކޮށް ނަސޭހަތްދެވިފައިވާނެ ކަމަށެވެ.

އަދި މާދަމާ އަކީ ޖީސީއީ އޯލެވެލްގެ ޓެސްޓަށް ގިނަ ދަރިވަރުން ހާޒިރުވާންޖެހޭ ދުވަހަކަށްވާއިރު، އެކި ރޭމަތިން ތަކުރާރުކޮށް ނަސޭހަތްދީ، ގާނޫނީ އިންޒާރު ދިނުމަށްފަހު، މިރޭ އެ ހަރަކާތްތައް ހުއްޓުވައި، އެއްވުން ރޫޅާލައިފައިވާ ކަމަށެވެ.

މި ފިޔަވަޅު އަޅާފައިވަނީ ދަރިވަރުންގެ ތައުލީމީ މަސްލަހަތާއި، އާންމު ރައްޔިތުންގެ ދިރިއުޅުމަށް ކުރާ އަސަރުތަކަށް ރިއާޔަތްކުރުމަށްފަހުގައި ކަމަށް ވެސް ފުލުހުން ބުންޏެވެ.

މިރޭގެ އެއްވުން ރޫޅައިލިއިރު، ފުލުހުންގެ ވާޖިބަށް ހުރަސް އެޅިކަމުގެ ތުހުމަތުގައި ދެމީހަކު ހައްޔަރުކޮށްފައިވެއެވެ.

 

ި