ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ކަމަށްވާ މަހާޒު އަލީ ޒާހިރާއި ޑރ. އަޒްމިރަލްދާ ޒާހިރު ވަކިކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.
އެ ދެބޭފުޅުން މިވަގުތު ތިއްބެވީ ސަސްޕެންޝަނުގައެވެ.
ފަނޑިޔާރު އަޒްމިރާލްދާ އާއި ފަނޑިޔާރު މަހާޒުއާ ގުޅޭ ގޮތުން ޖޭއެސްސީން ބެލީ މަސާޖު ޕާލާއަކުން ހައްޔަރުކުރި އަޒްމިރާލްދާގެ ފިރިކަލުން ޑރ. އިސްމާއިލް ލަތީފުގެ ބަންދާމެދު ގޮތެއް ނިންމަން ހާޒިރުކުރުމުން ފަނޑިޔާރުންތަކަކަށް ނުފޫޒު ފޯރުވިކަމަށް ބުނާ މައްސަލައެކެވެ.
އެ މައްސަލައިގައި ދެ ފަނޑިޔާރުން ހާޒިރުކޮށް ޖޭއެސްސީން ވަނީ ބަޔާން ވެސް ނަގައިފައެވެ.
އަދި އެ ދެ ފަނޑިޔާރުން މަގާމުން ވަކިކުރަން ޖޭއެސްސީގެ ތަހުގީގު ކޮމިޓީން ވަނީ ނިންމާފައެވެ.
ޖޭއެސްސީން މިއަދު ބޭއްވި ބައްދަލުވުމުގައި ނިންމާފައިވަނީ ސުލޫކީ މައްސަލައިގެ ރިޕޯޓް ބަލައިގަނެ، އެ ރިޕޯޓުގައި ބަޔާންކުރާ ފިޔަވަޅު ފަނޑިޔާރުންގެ މައްޗަށް އެޅުމަށެވެ.
ފަނޑިޔާރު އަޒްމިރާލްދާ އާއި މަހާޒް ވަކި ކުރަން ނިންމުމުން ދެން އެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް ވަނީ އެޖެންޑާކޮށްފައެވެ.

