ޗައިނާ ސަރުކާރުން މާލެ ސިޓީ ކައުންސިލަށް ހަދިޔާ ކުރި ލެޑް ލައިޓްތައް ހަރު ކުރުމުގެ މަސައްކަތް ބާރަށް ކުރިއަށް އެބަދެއެވެ.

Ads by Asuru

މިގޮތުން މާލެ ސިޓީ ކައުންސިލުން ބުނީ، މި މަސައްކަތުގެ ދަށުން އިއްޔެ ހިލާލީ މަގުގައި 10 ބައްތި، ހަނދުވަރީ ހިނގުމުގައި ތިން ބައްތި، ރައިވެރި ހިނގުމުގައި ތިން ބައްތި، އަދި ބުރުޒު މަގުގައި ހަތަރު ބައްތި ހަރުކުރެވިފައިވާ ކަމަށެވެ. އިތުރު މަގުތަކުގައިވެސް ބައްތި ހަރުކުރިއެވެ.

ޗައިނާ ސަރުކާރުން މާލެ ސިޓީ ކައުންސިލަށް 3،000 މަގުބައްތި ހަދިޔާ ކުރިއެވެ.

މިތަކެތި މާލެ ސިޓީ ކައުންސިލާ ހަވާލު ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މޭޔަރު ޑރ.މުހައްމަދު މުއިއްޒު ވިދާޅުވީ މާލޭގައި ދިރިއުޅޭ ރައްޔިތުންގެ ސަލާމަތާއި ފަސޭހައަށްޓަކައި ޗައިނާ އެމްބަސީ މެދުވެރިކޮށް މި ލިބުނު އަގުހުރި ހަދިޔާގެ ސަބަބުން، ޒަމާންތަކެއްވަންދެން ބަދަލުނުކުރެވިހުރި މާލޭ އަދި ވިލިނގިލީގެ ހުރިހާ މަގު ބައްތިތައް، ޒަމާނަށްފެތޭ، އަލި ހެޔޮވަރު އަދި ކަރަންޓު ޚަރަދު ކުޑަ އެލް.އީ.ޑީ ލައިޓިންގް އަށް އެކީ ބަދަލުކުރެވިގެންދާނެކަމަށެވެ.

މޭޔަރުގެ ވާހަކަފުޅުގައި މާލޭގެ އުމްރާނީ ތަރައްގީއަށް އަދި ރައްޔިތުންގެ ދިރިއުޅުމުގެ ކުރިއެރުމަށް އަބަދުވެސް ޗައިނާއިން ވެދެމުންދާ ދީލަތި އެހީތެރިކަމަށް ޗައިނާ ސަރުކާރަށް ވަނީ އިހްލާސްތެރި ޝުކުރެއް ދަންނަވާފައެވެ.